މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ޕީއެސްއެމްގެ ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީ ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިނާގެ އިތުރުން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުހައްމަދު އައިޝް އަހްމަދު (34އ)، މާލެ / މއ. މަޒާގެ، އާމިނަތު އިއްލިއްޔީން އަހްމަދު (25އ) އަދި ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު އަލީ (34އ)އެވެ.

މި މައްސަލައާ ގުޅިގެން 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިއްލިއްޔީނާއި އިނާޔަތު 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އިނާޔަތު ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ 3 މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ 2 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އިނާޔަތާއި އިއްލިއްޔީންގެ ކުޑަކަމުތާކެތި ވަނީ މަސްތުވާތެކެއްޗަށް ޕޮޒިޓިވްވެފައެވެ. އަދި އިނާޔަތު ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާ އެއްކޮށްފައިވާ ބިޑިއެއް ފެނިފައިވާކަން ފާހަގަކޮށްފައިވެއެވެ.