ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
ފުލުހުން ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށާއި، މިކަމުގައި ރައްޔިތުން އެއްބާރުލުން ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.
ނަމަވެސް ބަންދުކުރާނީ ކޮން މަގުތަކެއް ކަމާއި، ބަންދުކުރާނެ ވަގުތުތައް ފަދަ ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މިރޭ 8:30 ގައި އެމްޑީޕީން ދަނީ "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފަށާ މި ހަރަކާތުގައި ބައިވެރިވުމަށް އެކި ރަށްރަށުން ވަނީ މީހުން މާލެ އައިސްފައެވެ.
މިރޭގެ މުޒާހަރާގައި މާލެ ތެރެ ހަލަބޮލިވެ ނުދިނުމަށްޓަކައި ފުލުހުން މިހާރުވެސް އަންނަނީ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވަމުންނެވެ. އަދި މިފަދަ މައުލޫމާތެއް ފުލުހުންނަށް މީގެކުރިން ލިބިފައިވާކަން ހިއްސާކޮށް ފުލުހުން ވަނީ މާލެ ތެރެ ހަލަބޮލިކޮށް ތަކެއްޗަށް ގެއްލުން ދިނުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައެވެ.
އެގޮތުން ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނަކާއި ގުޅިގެން އެމްޑީޕީން ވަނީ އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބުނެފައެވެ.
އެ ތުހުމަތުތައް ދޮގުކޮށް އެމްޑީޕީން ބުނީ އެ ޕާޓީ އިން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށާއި، މިކަން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.