މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކުގެ ބިންގާ އަޅައިފިއެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދުގައި ގާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެ އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީް ވަނީ ވިދާޅުވިއެވެ.

އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއުއެވެ.

ރާއްޖޭގައި ސްކޭޓްހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނައަދަދެއްގެ ކުޑަކުދިން ބައިވެރިވި އެ ރަސްމިއްޔާތުގައި އެ ކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ވަނީ ދައްކާލާފައެވެ.