އެމްޓީސީސީއިން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަބޯޓު ކަމުގައިވާ މަހާޖައްރާފު މަރާމާތުކުރަން އެކަށީގެންވާ އަގަށްވުރެ އިތުރަށް ފައިސާ ހަރަދުކުރި މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށަހަޅައިފިއެވެ.

މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްޓަކައި، 2022 ވަނަ އަހަރު ވަނީ ދުބާއީ ޑޮކްޔާޑުން ހިދުމަތް ހޯދާފައެވެ.

އެމްޓީސީސީއިން ނެރުނު ބަޔާނެއްގައި ބުނީ މަހާޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށްޓައި ދުބާއީ ޑޮކްޔާޑުން ހިދުމަތް ހޯދިއިރު، މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައި ވާކަން އެ ކުންފުނީގެ އިންޓާނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި، އެމްޓީސީސީގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ރަސްމީކޮށް އެދިފައިވާ ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއިން އިހުމާލުވެފައިވާ މައްސަލައެއް ވެސް ބަލަން ފަށާފައިވާއިރު، އެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށްޓަކައި، އެ ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.