ދިވެހި ކުންފުނިތަކަށް ސަރުކާރުން ދޭންޖެހިފައިވާ ހުރިހާ ފައިސާއެއް ކުރިއަށް އޮތް 5 ހަފްތާގެ ތެރޭގައި ދައްކާ ނިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނޮވެމްބަރު 17، 2023ގައި އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުން އަނދަވަޅެއްގައި އޮތް ދިވެހި އިގްތިސޯދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވުމަށްފަހު ފައިސާނުދިނުމުގެ ސަބަބުން ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓި، އެ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.