މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަމަށް ހައްލު ގެނައުުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެގޮތުން މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް، ސަރުކާރުން ހިންގާ 3000 ހައުސިން ޔުނިޓުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތު މީހާ އާއި ބޮޑު އާބާދީއަށް ނިސްބަތްވާ ރައްޔިތުމީހާ ވެސް މުހިންމު ކަމަށެވެ.