ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސިން ނެގުމަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު 5 ޕަސެންޓަށް ދަށް ކޮށްފިއެވެ.
ގެދޮރު ގަތުމަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު މީގެ ކުރިން ހުރީ 10-20 ޕަސެންޓާ ދެމެދުގައި ނަމަވެސް މިހާރު އެ އަދަދު ދަށްކޮށްފައިވާއިރު ބީއެމްއެލް އިންވަނީ މިއީ އެ ބޭންކުން ގެނައި ހެޔޮ ބަދަލެއްކަމުގައި ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހިން ގެދޮރުވެރިކަން ހޯދަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ދަށްކުރުމުން، ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބިގެން ދާނެކަމަށެވެ.
ބީއެމްއެލް އިން ދޫކުރުމަކުން އަންނަ ލޯނުތަކަށް އެ ބޭންކުން ހެޔޮ ބަދަލުތަކެއް ގެންނަމުން އަންނައިރު ދާދި ފަހުން ވަނީ ގެސްޓްހައުސް ފައިނޭންސިން އާއި ރިއަލް އެސްޓޭޓް ފައިނޭންސިންގެ އިތުރުން ވާކިން ކެޕިޓަލް ފައިނޭންސިންގެ ލޯނުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.