މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެ އެމްޑީޕީން މި މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ ފުލުހުން ނެރުނު ބަޔާނަކާއި ގުޅިގެން އެމްޑީޕީން ބުނީ އެއްވުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި އެކަމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.
އެމްޑީޕީން ބުނީ އެ ޕާޓީ އިން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށާއި، މިކަން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
އިރުތަށް އެމްޑީޕީން ބުނީ ފުލުހުންގެ މި އަމަލުން ދައުލަތުގެ ހުރިހާ އިދާރާއެއް ވެސް މިވަގުތު އޮތީ މުއިއްޒުގެ މުށުތެރޭގައިކަން ސާފުވާ ކަމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އޮކްޓޫބަރު 3 ގައި މި ސަރުކާރުން "ގައުމު ލޫޓުވައިފި"ގެ ނަމުގައި މާލޭގައި ބާއްވާ ބޮޑު އެއްވުމަކީ ސަރުކާރުން، ދިވެހިރާއްޖޭގެ އިގުތިސާދު ފުނޑާލާ، ރައްޔިތުން ބޭސްފަރުވާއިން މަހުރޫމުކޮށް، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ނިޒާމު ސީދާ ރައީސްގެ މުށުތެރެއަށް ގެނެސްފައިވާ ކަމަށް ބުނެ ބާއްވާ އެއްވުމެކެވެ. އެގޮތުން މިއީ ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތައް ސަރުކާތުގެ މުށުތެރެއަށް ނަގާފައި ވާތީ، ރައްޔިތުން ތަހައްމަލުކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށްވެސް އެންޑީޕީން ވަނީ ބުނެފައެވެ.