އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެމްޑީޕީ އިން ރާވާފައިވާ ހަރަކާތުގައި މާލެތެރެ ހަލަބޮލިކުރުމާއި ތަންތަނަށް ގެއްލުން ދިނުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، އެމްޑީޕީގެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ ކަންކަން ކަމުގައި ދެކޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ހަރަކާތް ކުރިއަށްދާއިރު އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުނ އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.