ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެން ބޮޑު ހިޔާނާތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި އޭރު ހިންގަމުން ދިޔަ ވައްކަންތަކަކީ ވެރިންނަށްވެސް އެނގިތިބެ ކުރި ކަންކަން ކަމަށެވެ. އަދި އިންތިހާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކޮރަޕްޝަނާ ދެކޮޅުކަމަށް ވާހަކަތައް ދެއްކި ނަމަވެސް ވެރިކަން ލިބުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ތެރެއިން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ފެންމަތިވި ނަމަވެސް އެކަން ނުބެލިކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެފަދަ އަމަލުތަކަށް އޭރު ވެރިކަމުގައި ތިބިގެން އެމްޑީޕީ ސަރުކާރުން ހިތްވަރުދިންކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ފެނަކަ ހިމެނޭހެން އެތައް ކުންފުންޏެއް ދަރުވާލާފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ކޯވިޑުގެ ނަމުގައި 8 ބިލިޔަން ރުފިޔާ ޗާޕްކޮށް، އެއިންވެސް ބޭނުންކުރީ މަދު އަދަދެއް ކަމަށެވެ. އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވަނީ އޭރު ނުއަގުގައި އެތައް ކަމެށް ފަށައި އިންތިހާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްފައިވާކަމަށެވެ. އަދި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގި ކަމަށާއި އެކަންކަން ކުރަމުންދިޔައީ ވެރިކަމުގައި ދެމިތިބެވޭނެ ކަމުގެ އުންމީދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މުޅި ނިޒާމުގެ ތެރެއިން ހިންގާފައިވާ އެފަދަ އެތައް އަމަލެއް ފެންނަން ހުރިއިރު، އެއިން ކޮންމެ ކަމަކީވެސް ބަލަން ޖެހޭ ކަންކަން ކަމަށެވެ.