ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ބޭސް ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލަތްތައް އަދި މެޝިން ހޯދުމަށް މަލީ އެހީގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މާލީ އެހީގެ ގޮތުގައި 4.7 މިލިއަވް ހަރަދުކޮށްފައިވާއިރު މިދިޔަ މަހު 59 ބައިޕެޕް މެޝިން އަދި މާސްކް ގަނެފައިވެއެވެ. މީގެ އިތުރުން:

  • ހޮސްޕިޓަލް ބެޑް އަދި އެއާ މެޓްރެސް - 30
  • ހައިރިން އެއިޑް - 47
  • ވީލްޗެއާ - 15
  • އޮކްސިޖަން ކޮންސެންޓްރޭޓާ - 30
  • އިލެކްޓްރިކް ވީލްޗެއާ - 14
  • ސީޕެޕް މެޝިން - 5
  • ވޯކާ - 5

މީގެ އިތުރުން މިދިޔަ މަހު ރާއްޖޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ހޯދި ފަރުވާތަކަށެވެ. އެންސްޕާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އަމިއްލަ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 575 ކޭސްއަކަށް 8.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޭގެތެރެއިން، ޓްރީޓޮޕްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 359 ބަލި މީހަކަށް ވަނީ 4.8 މިލިއަން ހަރަދުކޮށްފައިވާއިރު އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި 249 ބަލި މީހަކަށް 3.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މިދިޔަ މަހު ބޭސްފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ސޯޅަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރުން ފަރުވާކުރުން 8 މިލިއަން ރިފިޔާ އަދި ރާއްޖެއިން ފަރުވާކުރުމަށްވެސް 8 މިލިއަން ރުފިޔާއެވެ.