ކުޑައިރުން ފެށިގެން ކޮންމެ ކުއްޖަކުވެސް ކުރާ އުންމީދުތަކަކާއި ދެކޭ ހުވަފެންތަކެއްވެސް ހުންނާނެއެވެ. އެ އުންމީދުތަކާ ހިސާބަށް ވާސިލުވެ ހުވަފެންތައް ހަގީގަތަކަށް ހަދަން ހިތްވަރާއެކު ކުރާ މަސައްކަތް ކާމިޔާބު ވުމަށްފަހު އެހެން ބައެއްގެ ހައްގުގައި ފަހަތަށް ފިޔަވަޅެއް އަޅާނީ ކިހާ ރަނގަޅު މީހެއް ބާއޭ ހިތަކަށް ނާރާ ހެއްޔެވެ؟ އެ ފަދަ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބު ކޮށްފިނަމަ ދާއިރާއަށް ފެންނާނެ ހެޔޮ ބަދަލު ކޮންމެ މީހަކަށްވެސް އަންދާޒާ ކޮށްލެވޭނެއެވެ.

ތ. ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށި ތަމްސީލުކުރަން ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ނިކުމެ ވަޑައިގެން ހުންނެވި ހަނާން މުހައްމަދު ރަޝީދު ނުވަތަ ހަންޓެ އަކީ މިފަދަ ލާމަސީލު ނަމޫނާއެކެވެ. ކުޑައިރުން ފެށިގެން ފުލުހަކަށް ވުމަށް ގެންގުޅުއްވި އުންމީދުގައި މާލޭގެ މަޖީދިއްޔާގެ އިތުރުން ތ. އަތޮޅުގެ އަތޮޅު މަދަރުސާއިން މަދަރުސީ ހަޔާތް ނިންމާލެއްވުމަށް ފަހު ޅަ އުމުރުގައި އޭނާ ގުޅިވަޑައިގަތީ ދިވެހި ފުލުހުންގެ ހިދުމަތާއެވެ.

ދުވަސް ވީ ހުވަފެން ހަގީގަތަކަށް ހައްދަވައި ހަންޓެ ވަނީ ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ޑިޕާޓްމަންޓުތަކުގައި 14 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ތެރެއިން އެންމެ ފަހުން ހަންޓެ މަސައްކަތް ކުރެއްވީ އެ އަތޮޅުގައި ކަމަށް ވާއިރު އެ ދާއިރާގައި ހިމެނޭ ތިން ރަށުގައިވެސް އޭނާއަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ)، އެ ދާއިރާގެ ބައެއް މީހުންނާއެކު/ ފޮޓޯ: ކެމްޕެއިން ޓީމު

ފުލުހުންގެ ހިދުމަތް ދޫކޮށްލާފައި ނިކުތުންވީ ހަންޓެއަށް ޗެލެންޖަކަށް، އެކަމު އިސްކުރީ ރައްޔިތުން

އަތޮޅާއި ދާއިރާގެ ރައްޔިތުންގެ ގާތުން މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބުމަކީ ހަންޓެއަށް އެ ރައްޔިތުންގެ ހާލަތު އަންދާޒާ ކޮށްލަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެ ރައްޔިތުން އުޅެމުންދިޔަ ހާލަތު ގާތުން ދެކެވަޑައިގެން، އެމީހުންގެ އިހުސާސްތައް އެނގިވަޑައިގެން އަދާކުރައްވާ ހިތުން އަދާކުރައްވަމުން ގެންދެވި އެ ވަޒީފާ ދޫކޮށް ސިޔާސީ ހަޔާތަށް ނިކުމެވަޑައިގަތުމަށް ހަންޓެއަށް މަޖުބޫރުވީއެވެ. އެ ރައްޔިތުންގެ ހައްގުގައެވެ.

ހަންޓެ ފުލުހުންގެ ވަޒީފާ އަދާކުރެއްވީ ވަޒީފާއަކަށް ވުރެ ބޮޑަށް ގައުމީ ހިދުމަތެއްގެ ގޮތުގައެވެ. އޭނާއާއެކު މަސައްކަތް ކުރި މީހުންގެ ވާހަކަތަކުން މިއަދުވެސް އެކަން އެނގެއެވެ. ޒަމާންވީ ހުވަފެންގައި ޅަ އުމުރުގައި ކުލަޖެއްސި ހަންޓެ ވަނީ އެ ދާއިރާގައި ގިނަ ބައެއްގެ އިތުބާރު ހޯއްދަވާފައެވެ. އެހެންކަމުން އޭނާއަށް އެންމެ ބޮޑު "ޗެލެންޖަކަށް" ވީ ވެސް އެ ދާއިރާ ދޫކޮށް ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެނަނަވަން ޖެހިވަޑައިގަތުމެވެ.

"އަޅުގަނޑުގެ ވަޒީފާ ދޫކޮށް ނުކުންނަން ޖެހުނީމަ. ވަރަށް ދެރަވެސް ވި"
ހަންޓެ

ހަންޓެ ސިޔާސީ މައިދާނަށް ނިކުންނެވީ ގިނަ ބައެއްގެ އިތުބާރާއެކު ގިނަ ބައެއްގެ އެދުމުގެ މަތިން ގުރައިދޫ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުމުގެ އުންމީދުގައެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ)، އެ ދާއިރާގެ ބައެއް މީހުންނާއެކު/ ފޮޓޯ: ކެމްޕެއިން ޓީމު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ސަރުކާރާ ގުޅިވަޑައިގެން ހަންޓެ ފުރަތަމަ ވެސް ނިކުންނެވީވެސް އެ ދާއިރާގެ ޕްރައިމަރީގައެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެވުމަކީ ހަންޓެ ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑު ކުރިއެރުމަކަށް ވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވޭނެ ކަމުގެ އުންމީދުވެސް އޭނާއަށް ބޮޑެވެ.

"އިރާދަކުރެއްވިއްޔާ މިކަން ހަމަ ބޮޑު ތަފާތަކުން ކާމިޔާބު ކުރާނަން"
ހަންޓެ

ރައީސްގެ ތަސައްވުރާއެކު ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހައްޓެއަށް އެބައޮތް

ޒުވާނުންނާއި ގިނަ ދުވަސްވީ ތަޖުރިބާކާރުންނާ އެކު ހަންޓެ ފެއްޓެވި ދަތުރު ފެންނަނީ ވަރަށް އުޖާލާކޮށެވެ. ދާއިރާއާއި މާލެ ސަރަހައްދުގައި ވެސް ބާރު ސްޕީޑްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ހަންޓެއަށް ބައްދަލު ކުރެވިފައި ވާއިރު އެ ދާއިރާގެ ގާތްގަނޑަކަށް 40 ޕަސެންޓް މީހުން ދިރިއުޅެމުން ދަނީ މާލޭގައެވެ.

ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އޭނާއާ ހިސާބަށް ފޯރި ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވާއިރު އެ ކަން ހައްލު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެ ރައްޔިތުން ހައްޓޭ ގާތު އެދެއެވެ. އެ ކަންބޮޑުވުމާ ގުޅިގެން ހަންޓެ ވިދާޅުވީ އޭނާއަށް މި ސަރުކާރާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގައި އުފެދުނު ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް މުއިއްޒު ނޫނީ ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ އެކަމުގައި ހަންޓެގެ ފުރިހަމަ ޔަގީންކަން އޮތް ސަބަބެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންނަށް އެ އިތުބާރު ދެވޭނެ އެ ކަމަށް ހައްލެއް ލިބޭނެ ކަމަށް"
ހަންޓެ
ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ)، އެ ދާއިރާގެ ބައެއް މީހުންނާއެކު/ ފޮޓޯ: ކެމްޕެއިން ޓީމު

ހަންޓެގެ މެނިފެސްޓޯއަކީ ރައީސްގެ މެނިފެސްޓޯއެވެ. ރައްޔިތުންނަށް ފައިދާއެއް ވާނެ މަގެއް އޮތް ނަމަ ރައީސް ދައްކަވާ މަގުން ހަންޓެ ހިންގަވާނެއެވެ. އެއީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. ރައީސް ވިދާޅުވި ފަދައިން ގުރައިދޫ އެއާޕޯޓްގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމުގެ އުންމީދު ހަންޓެއަށް އެބަ އޮތެވެ. އެ މަޝްރޫއާއެކު ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫގެ ކުރިއަށް ގެންދަން ނިންމާފައި ވާއިރު އެ ރަށުގެ ބަނދަރުގެ މަޝްރޫއެއްގެ އިތުރުން ގުރައިދޫ ހޮސްޕިޓަލާއި މަގުހެދުމުގެ މަޝްރޫއު އަކީ ވެސް ރައީސްގެ ވައުދުފުޅުތައް ކަން ފާހަގަކުރައްވާ ހަންޓެ ވިދާޅުވީ އެއިން ކޮންމެ މަޝްރޫއެއްވެސް ފުރިހަމައަށް ކުރިއަށް ގެންގޮސް ދިނުމުގައި އޭނާ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ސިޔާސީ ގޮތުންނާއި ވަޒީފާގެ ގޮތުން ޒުވާނުން ބާރުވެރި ބަޔަކަށް ހެދުމަކީ ހަންޓެގެ ވަރަށް ބޮޑު އަޒުމެކެވެ. އެ ދާއިރާގައި ވަޒީފާތައް ނެތުމަކީ އޭނާގެ ކަންބޮޑުވުމަކަށް ވާއިރު ޓޫރިޒަމް ފުޅާކޮށްގެން ވަޒީފާތައް އުފެއްދިދާނެ ކަމަށް ހައްޓޭ ދެކެވަޑައިގަންނަވައެވެ. ހަންޓެ ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވާނީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށެވެ.

"އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ރަނގަޅު ޖީލެއް ބިނާވެގެން ދިއުމަށް"
ހަންޓެ

ސަރުކާރުގެ ތަސައްވުރުތަކާ ހިސާބަށް ވާސިލުވުމަށް ގާނޫނީ ގޮތުން ގިނަ ބަދަލުތަކެއް ގެންނަން ޖެހޭއިރު އެކަން ކުރާނެ ބަޔަކު، އެކަމަށް އެއްބާރުލުން ދޭނެ ބަޔަކު މަޖިލީހަށް ގެންނަން ޖެހެއެވެ. ގޮނޑި ފަޅުފިލުވާލުމަށް ދާއިރާއިން ނަމެއްގައި މީހަކު ހޮވިޔަސް އެކަމުން ދާއިރާއަށް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ހައްޓެއަކީ ސަރުކާރުގެ އެފަދަ ކޮންމެ ބިލަކަށް އެއްބާރުލުން ދެއްވައި، ގާނޫނުތައް އިސްލާހު ކުރުމަށް ގުރައިދޫ ދާއިރާގައި މިހާރު ހުރި ހަމަ އެކަނި ޗޮއިސްއެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ) ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ/ ފޮޓޯ: ކެމްޕެއިން ޓީމް

ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ދެވެން އޮތް ލާމަރުކަޒީ ގާނޫނު ފުރިހަމަކޮށް އެންމެ ފުރިހަމަ މާނާގައި ހިދުމަތް ދެވޭނެ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށް ހަންޓެ ގަބޫލު ކުރައްވައެވެ. ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އެ ގާނޫނު އިސްލާހު ކޮށް އިހުލާސްތެރި މަސައްކަތްތަކެއް މަޖިލީހުގައި ކޮށްދެއްވާނެ މެންބަރަކަށް ހަންޓެ ވާނެއެވެ.

"ލާމަރުކަޒީ ގާނޫނު އެންމެ ފައިދާ ހުރި ގޮތަކަށް ބަދަލުތަކެއް ގެނެވިއްޖެއާ އެއީ ރައްޔިތުންނަށް އެންމެ ގާތުން ހިދުމަތް ދެވޭނެ ގާނޫނަށް ވެގެންދާނެ."
ހަންޓެ

ޕާޓީ ބަދަލުކޮށްފިނަމަ ގުރައިދޫ ދާއިރާގެ ރައްޔިތުން ބަލައެއް ނުގަންނާނެ!

ގިނަ ޒުވާނުންނަށް ސިޔާސީ ކަންކަމަކީ ވަރަށް ހަޑި ކަމަކަށް ވިޔަސް ހަންޓެގެ ވިސްނުން ތަފާތެވެ. ހަންޓެ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ކަންކަމަކީ އަދި ސިޔާސީ މީހުންނެއްވެސް ހަޑިއެއް ނުވާނެ ކަމަށެވެ. ހަޑި ވާނީ ނުވަތަ ނާގާބިލުވާނީ އެ މީހަކު ކުރާ ކަމެއް ކަމަށް ހަންޓެ ވިދާޅުވިއެވެ. އެގޮތުން ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް ރައްޔިތުން ދޭ އިތުބާރު ނަގާލާ، ޕާޓީ ބަދަލުކުރުމަކީވެސް އެފަދަ ކަމެއް ކަމަށް ހަންޓެ ފާހަގަ ކުރެއްވިއެވެ.

ޕާޓީގެ ޓިކެޓުގައި ކައުންސިލަށް ވިޔަސް މަޖިލީހަށް ވިޔަސް ވެރިކަމަށް ވިޔަސް ރައްޔިތުން މީހަކު އިންތިހާބު ކުރަނީ ފޮނި އުންމީދުތަކާއި މަގުސަދުތަކަކާ އެކުއެވެ. ހަންޓެ ވިދާޅުވީ ޕާޓީ ބަދަލުކޮށްފިނަމަ ގުރައިދޫގެ ރައްޔިތުން އެކަން ބަލައި ނުގަންނާނެ ކަމަށެވެ.

ހަންޓެ ދެއްވަނީ އޭނާ ޕާޓީ ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުންގެ އިތުބާރު ނަގާނުލާނެ ކަމުގެ ޔަގީންކަމެވެ. ހަންޓެ ދެމިހުންނަވާނީ މި ސަރުކާރާއި ރައީސް މުއިއްޒުއާއެކު ކަމަށް އޭނާގެ ދާއިރާގެ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވައެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ)، އެ ދާއިރާގެ ބައެއް މީހުންނާއެކު/ ފޮޓޯ: ކެމްޕެއިން ޓީމު
"އަޅުގަނޑެއްވެސް ބޭނުމެއް ނޫން ދާއިރާގެ ރައްޔިތުންގެ އިތުބާރު ގެއްލޭކަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނީ މި ސަރުކާރާއި އަޅުގަނޑުމެންގެ ރައީސްއާ އެކުގައި"
ހަންޓެ

ހަންޓެއަށް ދޭ ވޯޓަކީ ދާއިރާގެ މުސްތަގުބަލަށް ދެވޭ ވޯޓެއް

ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ލިބުނު ފިލާވަޅުތައް ދިވެހިންނަށް ވާނީ ދަސްވެފައެވެ. ލިބުނު ފައިދާއެއް ވީ މޮޅެއް އެއްގޮތަކަށްވެސް ނުފެނެއެވެ. ހަންޓެ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރާ ނުގުޅި ދާއިރާއަކަށް ތަރައްގީއެއް ނުގެނެވޭނެއެވެ. އެ ދާއިރާއަށް ކަންތައްތަކެއް ކޮށްދޭން ސަރުކާރުން ބޭނުންވިޔަސް އިދިކޮޅުގެ މެންބަރަކު ހޮވައިގެން ކުރަނީ މުޅިންވެސް ޖެއްސުމެވެ.

މަޖިލީހަށް މެންބަރުން ހޮވަނީ ސަރުކާރަށް ފާރަވެރިވެ، ސަރުކާރަށް ޖެއްސުން ކުރަން ނޫން ކަމަށާއި މަޖިލީހަށް އަންނަނީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ދާއިރާއަށް ހިދުމަތްތަކެއް ކޮށްދިނުމަށް ކަމަށް ހައްޓެ ވިދާޅުވިއެވެ.

ހަންޓެއަކީ އޭނާއާއެކު އެ ދާއިރާއަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވުރެ ރަނގަޅަށް އެ ދާއިރާގެ ހާލަތު ދެނެވަޑައިގަންނަވާ ކެންޑިޑޭޓެކެވެ. ކެރިގެން ފަހުރުވެރިކަމާއެކު ހަންޓެ ވިދާޅުވާ ވާހަކައަކީވެސް އެއީއެވެ. ހަންޓެއަކީ ރައްޔިތުންގެ ފައިވާނަށް އަރުއްވައިގެން ނިކުމެ ރައްޔިތުންނާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހަންޓެއަށްވުރެ ދާއިރާގެ ރައްޔިތުންގެ އިހުސާސެއް އަދި ހާލަތެއްވެސް އެނގޭނެ މީހަކު ނެތެވެ.

ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ) ގެ މާލޭ ކެމްޕެއިން އޮފީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވަނީ/ ފޮޓޯ: ކެމްޕެއިން ޓީމް

ހަންޓެ ބޭނުންވަނީ ވަކި ރަށެއް ވަކި ބައެއް ތަފާތު ކުރުމެއް ނެތި ދާއިރާގެ ތިން ރަށަށްވެސް ހަމަ ހަމަ ގޮތެއްގެ މަތިން ކަންތައްތައް ކޮށްދެއްވަން ކަމަށާއި އެކަމުގެ ޔަގީންކަން ހަންޓެ ދެއްވައެވެ. މިއަދުވެސް އަދި އިންތިހާބަށް ފަހުވެސް ހަންޓެއާއެކު ގުޅިގެން މަސައްކަތް ކުރަން ހުރި ކޮންމެ މީހަކަށް އޭނާ މަރުހަބާ ވިދާޅުވެއެވެ.

ފަހު ބަހަކަށްވެސް ހަންޓެ ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ލާ ވޯޓަކީ ދާއިރާގެ މުސްތަގުބަލު ކަމަށާއި އެކަމަށް ދާއިރާގެ ރައްޔިތުން ވިސްނާލުމަށެވެ.

"އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުން މި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލާ ވޯޓަކީ އަޅުގަނޑުމެންގެ ދާއިރާގެ މުސްތަގުބަލު"
ހަންޓެ
ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، ހަނާން މުހައްމަދު ރަޝީދު (ހަންޓެ) ގެ ކެމްޕެއިން ޖަލްސާއެއް/ ފޮޓޯ: ކެމްޕެއިން ޓީމް

ގުރައިދޫ ދާއިރާއަކީ މިއަދު އެ ހާލަތުގައި އޮންނަން ޖެހޭނެ ދާއިރާއެއް ނޫންކަން ހަންޓެވެސް ގަބޫލުކުރައްވައެވެ. ހަންޓެއަކީ ދާއިރާގެ ރައްޔިތުންގެ ހާލަތު ލޮލަށް ފެނި، ހިތަށް ކެތް ނުވެގެން ނިކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކޮންމެ ގުރުބާނީއެއްވެސް ވެވަޑައިގަންނަވަން ހައްޓޭ ތައްޔާރަށް ހުންނެވިކަން ސިޔާސީ ދާއިރާއަށް ނިކުންނެވުމަށް އޭނާ ނިންމެވި މުހިއްމު ނިންމެވުމުން ހެއްކަކަށް ފުދޭނެއެވެ. ޒުވާނުން ބާރުވެރިކޮށް، ރަނގަޅު ޖީލެއް ބިނާކުރަން އެހީވެވަޑައިގަންނަވާނެ މެންބަރަކަށް ހަންޓެ ވާނެއެވެ. ގުރައިދޫ ދާއިރާއަށް ފެހި ފާގަތި މުސްތަގުބަލެއް ހޯދުމަށް މަސައްކަތް ކުރައްވާނީވެސް ހަމަ ހަންޓެއެވެ.