މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު އޮކްޓޫބަރު 11 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު، ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން އޮކްޓޫބަރު 4 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ކުރަން ހަމަޖެހިފައިވަނީ:

  • ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން: 2
  • މީޑިއާތައް ތަމްސީލުކުރާ މެންބަރުން: 2

އިލެކްޝަންސް ކޮމިޝަނުން ބުނީ ކުރިމަތިލާ ފަރާތްތަކުންގެ ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާން ޖެހޭ ކަމަށެވެ.

އަދި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި، އަދި ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއް ކަމުގައިވެގެން ނުވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަން އިން ވަނީ ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާއަށް ކަމަށާއި، ފޯމު ބަލައިގަތުން ކުރިއަށް ދާނީ ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން އޮކްޓޫބަރު 4 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު 09:00 ން 14:00 އަށް ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުންތަކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ލައިސަންސް ކާގެ އިތުރުން ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު ކަމަށާއި، މި ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.