ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް ކުރި ސަސްޕެންޝަން އުވި، މިއަދު މަސައްކަތަށް ނުކުމެވަޑައިގެންފިއެވެ.
މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސައުދު ސަސްޕެންޑުކުރީ މިދިޔަ ޖޫން 25 ގައެވެ. މަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލަރުން ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތަކީ ތިން މަސް ދުވަސް ކަމަށް ވާތީ އެ ސަސްޕެންޝަން މިހާރު އުވިފައިވާއިރު ތިނަދޫ ސިޓީ ކައުންސިލުން ވަނީ މިއަދު ސައުދުއަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.
މޭޔަރު ސައުދު އަލީގެ އިތުރުން އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ވެސް ވަނީ ސަސްޕެންޑް ކޮށްފައެެވެ. ތިނަދޫ މޭޔަރު އަދި ޑެޕިއުޓީ މޭޔަރު ސަސަޕެންޓް ކޮށްފައި ވަނީ ދައުލަތުގެ އިދާރާތަކުންނާ، އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.
މި ދުވަސްވަރު އެލްޖީއޭއިން އިޖުރާތުތައް ފުރިހަމަނުކޮށް އެ ފިޔަވަޅުތައް އަޅައިފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްކަމަށް މީގެ ކުރިން ސައުދުވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ގާނޫނާ ހިލާފަށް ސަސްޕެންޑުކުރި ކަމަށް ވިދާޅުވެ ސައުދު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. މި މައްސަލައިގެ އަޑުއެހުންތައް ވެސް ފަށާފައިވާއިރު ސައުދު ވިދާޅުވީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުތަކާ ގުޅިގެން އިތުރު ކައުންސިލްތަކަށް ވެސް މި މައްސަލަ ކުރިވަތިވެދާނެތީ ކަމަށެވެ.