ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަން އެދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލީ އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27ގެ ނިޔަލަށެވެ.

މިއަދު ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

މުއްދަތު އިތުރު ކުރީ، ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް އެކި އިދާރާތަކުން ހޯދުމުގައި ބައެއް މީޑިއާތަކަށް ދަތިތަކާ ދިމާވާކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ ލިޔެކިޔުންތައް ހަމަކުރުމަށް އިތުރު ވަގުތު ދިނުމަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ދެވުނު 10 ދުވަހުގެ މުއްދަތުގައި ލިޔެކިޔުންތައް ހަމަކޮށް ވީހާ ގިނަ މީޑިއާއަކުން ޕްރޮޕޯޝަލް ހުށަހެޅުމަކީ އެދޭކަމެއް ކަމުގައި ވެސް ބުނެފައި ވެއެވެ.

ދައުލަތުގެ ބަޖެޓުން ކަނޑައަޅައި، ދޭ މާލީ އެހީތެރިން ދިނުމަށް އެކަށައެޅި އުސޫލު ވަނީ މީގެ ކުރިން ގެޒެޓް ކޮށްފައެވެ. އެ އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި ތަފްސީލުތައް ހިމަނާފައިވެއެވެ. އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެކަން ޔޫތު މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޔޫތު މިނިސްޓްރީއިން ބުނީ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތް ވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެފައިވެއެވެ.

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 ޕަސެންޓަށް ވާ މިންވަރުގެ ފައިސާ އެވެ.

އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި 60 ޕޮއިންޓުން މަތިން ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ.