މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް ގެންގުޅުނު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ވަނީ ފެނިފައެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި، މާލެ / ހމ. މާވަހަރު، ޝާނާ (32އ) އާއި، ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ) އަދި ސަފިކް / ބަންގްލަދޭޝް (40އ) އެވެ. މި ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ (32އ) 10 ދުވަހަށް އަދި ދެންތިބި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ފުލުހުން ހިންގަމުންދާ މިފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފަދަ ތަކެއްޗާއެކު މީގެ ކުރިން ވެސް މީހުން ވަނީ އަތުލައިގެންފައެވެ.