މާކް ފައުންޑޭޝަނާއި ރާއްޖޭގެ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު ގުޅިވަޑައިގެން މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރި ކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
މިއީ "ކޮމިއުނިޓީ އެވެއާނެސް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ "މާކް ފައުންޑޭޝަން ހެލްތު މީޑިއާ ޓްރެއިނިންގް" ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދު މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށެވެ.
މި ތަމްރީނުގައި، މީޑިއާގެ ތެރެއިން ސިއްހީ މައުލޫމާތު ރަނގަޅަށް ފެތުރުމަށް ބޭނުންވާ ހުނަރުތަކާއި، މުހިންމު ނުކުތާތަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގެ މީޑިއާގެ އެންމެހާ މަސައްކަތްތެރިންނަށް ސިއްހީ މައުލޫމާތު އެންމެ ރަނގަޅަށް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ހާއްސަކޮށް، ބަލިތަކާއި، ސިއްހީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމުގައި މީޑިއާގެ ދައުރު ބޮޑުކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމަށް މާކް ފައުންޑޭޝަނުން ވަނީ އެދިފައެވެ.
ދާދިފަހުން ފަސްޓްލޭޑީ ވަނީ ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ވެސް އުފައްދަވާފައެވެ. ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މޭކް ފައުންޑޭޝަނާ ގުޅިގެން އެކަމަނާ މީގެ ކުރިން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.