ފީފާގެ ހަރަދުގައި މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ހަދަން ފެށި އެރީނާ ޕްރޮޖެކްޓްގެ ތެރެއިން ފީފާއަށް ނާންގައި ގުދަން ބަރި ހެދި މައްސަލަ، އެފްއޭއެމްގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީއަށް ބަލަން ފޮނުވައިފިއެވެ.

މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގޮތުގައި، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ސްޕޯޓްސް މިނިސްޓްރީން އެ ބިން އެފްއޭއެމަށް ދޫކޮށްފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މި ބިން ދޫކޮށްފައި ވަނީ ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓެއް ހިންގުމަށެވެ.

ނަމަވެސް ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ދިޔަ މަރުހަލާގައި، އެފްއޭއެމުން ވަނީ ފީފާގެ ހުއްދަ ނުހޯދައި ޕްރޮޖެކްޓްގެ ކުރެހުމަށް ބަދަލުތަކެއް ގެނެސް، ގުދަން ބަރިތަކެއް ހަދައި އެތަންތަން ކުއްޔަށް ދީފައެވެ. މި މައްސަލަ ވަނީ ކުރިން ވެސް ފީފާގެ ސަމާލު ކަމަށް އައިސްފައެވެ.

އެފްއޭއެމުން ބުނީ، އެ ބިމުން އެކި ބައިތައް ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ދީފައިވަނީ އެފްއޭއެމްގެ އެކްސްކޯގެ ހުއްދައެއް ނެތިއެވެ. މި ސަބަބަށްޓަކައި، އެފްއޭއެމްގެ އެކްސްކޯއިން ވަނީ މިއަދު މި ދެ މައްސަލަ ވަކި ދެ މައްސަލައެއްގެ ގޮތުގައި ބެލުމަށް ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ.

އެތިކްސް ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި، ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ކުރެހުމަށް ފީފާގެ ހުއްދަ ނެތި ބަދަލު ގެނައުމާއި، އެފްއޭއެމްގެ އެކްސްކޯގެ ނިންމުމެއް ނެތި ގުދަންތައް ހަދައި އެކި ބޭނުންތަކަށް ބިމުގެ އެކި ބައިތައް ކުއްޔަށް ދިނުމުގެ މައްސަލަ ހިމެނެއެވެ.