މ. ނާލާފުށީ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ 546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގައި ރިކްރިއޭޝަން ސެންޓަރު އިމާރާތްކޮށް ނިމުމާއެކު ނާލާފުށީ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން ރަށުގެ އައުޓްޑޯ ޖިމަކީ ހާމަ ތަނަކަށްވެފައި އައުޓްޑޯ ޖިމް ބޭނުންކުރަން ޖެހިލުންވާ ފަރާތްތަކަށް މި ސެންޓަރު ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ސެންޓަރާއެކު ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއ،ި ހުސްވަގުތު ހޭދަކޮށްލާނެ ތަނެއް ވެސް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނީ މިއީ 4.61 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއ،ި ނާލާފުށީ ކައުންސިލްގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.