މެރިޓައިމް ދާއިރާއަށް ހާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޖައްލާއެއް ނެރެފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ "އުޅަނދު ޖާނަލް" ނަމަަކަށް ކިޔުނު މި މަޖައްލާގެ ފުރަތަމަ އަދަދު މިދިޔަ ހުކުރު ދުވަހުގެ ރޭ ލޯންޗުކޮށްފައިވާކަމަށެވެ. މި މަޖައްލާ ލޯންޗުކޮށްފައިވަނީ އެމްޕީއެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ކަމާލުއްދީން ލޯންޗުކޮށްދެއްވި މި މަޖައްލާގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނިސްބަތްވާ ބޭފުޅުންގެ އާޓިކަލްތައް ހިމަނާފައިވާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން އެމްޕީއެލް އިން ހިމަނާފައިވާ ބައެއް އާޓިކަލްތައް ލިޔުއްވި ބޭފުޅުންނަކީ:
- މޯލްޑިވްސް ސްޓޭޓް ސިޕިން ކޮމްޕެނީ (އެމްއެސްއެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުބެއިރު
- މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް މެނޭޖްމަންޓް ސުޕައިންޓެންޑަންޓު ފާތިމަތު ޝިފްޒާ
- މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ހެޑް މުހައްމަދު ޒައިދު
- މޯލްޑިިވްސް ޕޮލިސް ސާވިސްގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް، ހުސެއިން ފިރާޒް
- ކޯސްޓް ގާޑްގެ ޓްރެއިނިން އެންޑް ރިސާޗް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު ކާނަލް އަހުމަދު ސިޔާމް
އެމްޕީއެލް އިން ބުނީ މި މަޖައްލާގައި އެމްޕީއެލްގެ ތާރީހާއި ތަރައްގީ އަދި ސީ ޓު އެއާ ޓްރާންސިޕްމަންޓް ކާގޯގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ މެރިޓައިމް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލާފައިވާކަމަށެވެ.
މި މަޖައްލާ ކިޔަން ބޭނުންވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓު މެދުވެރިކޮށް އެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.