މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މުދާ ކްލިއާ ކުރި އަދަދު އޭގެ ކުރިއަށް ދިޔަ ޖުލައި މަހާ އަޅާ ބާލާއިރު، އިތުުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރު ޖުލައި މަސް ނިމުނު އިރު އެމްޕީއެލް އިން 6،320 ޓީއީޔޫސް (ޓްވެންޓީ-ފޫޓް އިކުއިވަލަންޓް ޔުނިޓްސް) ކްލިއާ ކޮށްފައިވާ އިރު، މިދިޔަ އޮގަސްޓް މަހުގައި ވަނީ ޖުމްލަ 6،663 ޓީއީޔޫސް ކްލިއާ ކޮށްފައެވެ. މިއީ ޖުލައި މަހު ކްލިއާ ކުރި މުދަލުގެ އަދަދާއި އަޅާ ބަލާއިރު، 5 ޕަސެންޓް އިތުރު ވުމެކެވެ.
އޮގަސްޓް މަހުގެ ތެރޭގައި ކްލިއާކުރި މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.
އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޯގަސްޓް މަހު ކްލިއާކޮށްފައި ވަނީ ބިހެވެ. އެގޮތުން 71،037 ކޭސް ބިސް ކްލިއާ ކޮށްފައި ވެއެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި، 16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް، 10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާ ކޮށްފައި ވެއެވެ.
މި ތަފާސް ހިސާބުތަކުން ދައްކުވައި ދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށް ދިނުމުގައި އެމްޕީއެލްގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ހިދުމަތުގެ ފެންވަރެވެ.