ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ގައުމުގެ ފައިސާ އިން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

ޗައިނީސް ޔުއާން އެކައުންޓް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިން ހުއާއާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ބޯޑު މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްއިން މިއަދު ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި:

- އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ކަރަންޓް އެކައުންޓް ހުޅުވޭ ގޮތް ހަމަޖެއްސުން.

- ވިޔަފާރިތަކަށާއި ފަރުދުންނަށް ޗައިނީސް ޔުއާންއިން ޓީޓީ ފޮނުވުމާ، ޗައިނީސް ޔުއާންއިން ރާއްޖެއަށް ފައިސާ ލިބޭ ގޮތް ހަމަޖެއްސުން.

- ކަސްޓަމަރުންނަށް ވީޗެޓް ވޮލެޓަށް ޗައިނީސް ޔުއާން އިން ފައިސާ ލިބޭ ގޮތް ހަމަޖައްސައި، ވޮލެޓްގައި ހުންނަ ޗައިނީސް ޔުއާން ބޭނުންކޮށްގެން ޗައިނާގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން އަދި ވީޗެޓް ވޮލެޓް މެދުވެރިކޮށް އެހެން ފަރާތްތަކަށް ޓްރާންސްފާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

- ބީއެމްއެލްއިން ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ވިސާ އަދި މާސްޓާކާޑު ޑެބިޓްކާޑުތަކާއި ކްރެޑިޓް ކާޑުތައް ވީޗެޓް ޕޭއަށް އެޑްކޮށް ޗައިނާގެ މާޗަންޓުންނަށް ފައިސާ ދެއްކޭނެ.

- އިމްޕޯޓް ކުރާ ފަރާތްތަކާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ޗައިނީސް ޔުއާން އިން އެލްސީ ހެދޭ ގޮތް ހަމަޖެއްސުން.

އެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އިން މިއަދު ތައާރަފްކުރި ހިދުމަތްތަކާ ހިސާބުން އެކަން ނިމުނީ ނޫންކަމަށާއި އަންނަ ޖެނުއަރީ މަހުން ފެށިގެން ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބިޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތައާރަފު ކުރާނެ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ޒަމާނީ ކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ޝަރީފް ވަނި ފާހަގަކުރައްވާފައެވެ.