މ. މުލައް ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މ. މުލައް ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމަނިކުފާނު ވަނީ ޝަރަފުވެރިކޮށް ދެއްވާފައެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބް އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 69,539,888.88 ރުފިޔާއެވެ. 575 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން ބަނދަރަށް އަލަށް ބަޔެއް އިތުރުކޮށް، ނެރާއި ބަނދަރުގެ މިހާރުގެ ބައި ފުންކުރުން، 100 މީޓަރުގެ ޗެނަލް ބްރޭކްވޯޓަރަކާއި 15 މީޓަރުގެ ސަބްމާޖްޑް ބްރޭކްވޯޓަރެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 253 މީޓަރުގެ ބޭރުތޮއްޓަކާއި 196 މީޓަރުގެ ކީވޯލްއެއް (ސޭންޑްފިލްޑް ބްރޭކްވޯޓާގެ އެތެރޭގައި) ޖެހުމުގެ އިތުރުން 91 މީޓަރުގެ ރިވެޓްމަންޓްއަކާއި އެއްގަމު ފަޅީގައި 292 މީޓަރުގެ އެލް-ބްލޮކް ކީވޯލްއެއް ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި 25*4 މީޓަރުގެ ބްރިޖެއް އެޅުމާއި، 42 މަގު ބައްތިއާއި 1 ބަނދަރު ނެވިގޭޝަން ބައްތި ހަރުކުރުމާއި، 18 މޫރިން ބޮއިސް ހަރުކުރުމާއި، 11*11 މީޓަރުގެ ރޭމްޕެއް ލުމާއި، ކޮންކްރީޓް ޕޭވްމެންޓް އެޅުން ވެސް މި މަޝްރޫއުގެ ބައިތަކުގެ ތެރޭގައި ހިމެނެއެވެ.