ފާއިތުވި ހަފްތާއެއްގެ ތެރޭ ސިނަމާލެ ބްރިޖުގައި 44 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ފުލުހުން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް 3 އެކްސިޑެންޓަށް ވުރެ ގިނަ އެކްސިޑެންޓު ހިނގި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު 9 އެކްސިޑެންޓު ހިނގާފައި ވެއެވެ. މި އެކްސިޑެންޓުތަކުގައި 35 އުޅަނދަކަށް އެކި ވަރުގެ ގެއްލުން ވެފައިވާއިރު 3 މީހަކަށް ބޮޑެތި އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

އަދި ހަމަ އެހެންމެ ދުވާލުގެ ވަގުތުތަކުގައި 36 އެކްސިޑެންޓު ހިނގާފައިވާއިރު ރޭގަނޑު ހިނގާފައި ވަނީ ޖުމްލަ 8 އެކްސިޑެންޓެވެ.

ފުލުހުން އާންމުކޮށްފައިވާ އިތުރު ބައެއް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި:

  • ދެ ސައިކަލު ޖެހި 15 އެކްސިޑެންޓު ހިނގާފައިވޭ
  • ސައިކަލާއި ކާރު ޖެހި 13 އެކްސިޑެންޓު ހިނގާފައިވޭ
  • ސައިކަލާއި ޕިކަޕު ޖެހި 6 އެކްސިޑެންޓު ހިނގާފައިވޭ
  • ސައިކަލާއި ބަސް ޖެހި 6 އެކްސިޑެންޓު ހިނގާފައިވޭ
  • ކާރާއި ޕިކަޕު ޖެހި 5 އެކްސިޑެންޓު ހިނގާފައިވޭ
  • އެކްސިޑެންޓު ވުމުން ފިލި 4 މައްސަލައެއް ވެސް ހިމެނެއެވެ.

އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.