ގަވާއިދާ ހިލާފަށް މަގުމަތީ ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލު ފުލުހުން ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، އަދި ހާއްސަކޮށް ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ އެކަނިވެސް އެފަދައިން މަގުތަކަށް ދޫކޮށްލާފައިވާ 72 ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނުގަވާއިދުން ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ފަށާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. އަދި އެ އަށްފަހު ދޭތެރެ ދޭތެރެއިން ފުލުހުން ދަނީ މާލޭ މަގުތައް މަތީ ހުންނަ ބާ އުޅަނދުތަކުގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯ ކުރަމުންނެވެ.

އަދި މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ ނައްތާލުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދެއެވެ. މީގެ އިތުރުން ވެސް މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.