ފުލުހުންގެ ހުވާ ނުކުރާކަމަށް ބުނި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާކޮށްފިއެވެ.

ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު ވަނީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުވައި ނުކުރާ ކަމަށް ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ބުނީ އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުއެވެ. މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ.

އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އޭނާ ދޫކޮށްލުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅާފައެވެ.

މީގެ އިތުރުން ފުލުހުންގެ ހުވާ ނުކުރާކަމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވާއިރު އެ މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.