ޕިކަޕެއް ކޮންޓްރޯލްނުވެ، ގޮސް ސިނަމާލެ ބްރިޖުގައި ޖަހާފައި ހުރި ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއާޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރުތަކުގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓްގެ މައުލޫމާތު ރޭ ދަންވަރު 2:42 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ 2 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރަށްށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ވަނީ ޓޯކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.