އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް 2026 ވަނަ އަހަރު ބޭއްވުމަށް ދިވެހިރާއްޖެ ކަނޑައެޅި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފިއެވެ.
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފްވަނީ އައްޔަންކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އޭޝިއާގެ ބޭންކިން ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން ތައްޔާރަށް އޮތް ކަމަށެވެ.
2018 ވަނަ އަހަރުވެސް އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާފައިވާއިރު މިއީ މި ކޮންފަރެންސް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިން ދާއިރާގައި ބިއެމްއެލްގެ ނުފޫޒާއި ލީޑާޝިޕް އިތުރުވަމުންދާކަން ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއާ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ ގުޅޭ މަޝްވަރާތަކާއި، ވާކްޝޮޕްތަކާއި، ނެޓްވާކިން ސެޝަންތައް ހިމެނޭނެއެވެ. މި ކޮންފަރެންސްގައި ބޭންކިން އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަގްބަލާ މެދު މަޝްވަރާކުރާނެއެވެ.