ސްރީލަންކާގައި ހިންގާ މޯޑިވްސް ކޮލިފިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭ ކޯސްތައް ބަލައިނުގަތުމަށް އެ އޮތޯރިޓީއިން ނިންމައިފިއެވެ.
ސްރީލަންކާގައި ހިންގާ ބައެއް ކޯސްތައް އެމްކިއުއޭގެ މިންގަނޑަށް ނުފެތޭކަން ފާހަގަކޮށް އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ވަނީ ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން ގަސްތުކުރާ ޕްރޮގްރާމް އަދި ޕްރޮގްރާމް ހިންގާ މަރުކަޒަކީ އެ އޮތޯރިޓީއިން ގަބޫލުކުރާ ޕްރޮގްރާމެއް އަދި މަރުކަޒެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.
އެމްކިއުއޭއިން ބުނީ އެ އޮތޯރިޓީއިން ގަބޫލުކުރާނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތަކާއި ސްރީލަންގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަން، ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންއިން ހުއްދަ ދީފައިވާ މަތީ ތައުލީމު ދޭ މަރުކަޒުތަކުންނާއި އެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތައް ކަމަށެވެ.
އެގޮތުން ސްރީލަންގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުންދަނީ ހަޔާ ޑިޕްލޮމާއިން ދަށުގެ ޓާޝަރީ ޕްރޮގްރާމްތަކަށް ކަން އެމްކިއުއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސްރީލަންކާގެ ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަން އަދި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުން ހުއްދަ ދެމުން އަންނަނީ ޑިގްރީއަށް ވުރެ މަތީގެ ޕްރޮގްރާމްތަކަށް ކަމަށް އެމްކިއުއޭއިން ވަނީ ބުނެފައެވެ.
އެމްކިއުއޭއިން ބުނީ ސްރީލަންކާގެ ޓާޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދޭ މިންގަނޑާއި ހިލާފަށް އެ މިންގަނޑުން ބޭރުން ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާ ކަމަށެވެ. ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް އެ ތަންތަނުން ހަޔާ ޑިޕްލޮމާ އިން މަތީގެ ޓާޝަރީ ޕްރޮގްރާމްތައް އެހެން ގައުމުތަކާ ގުޅިގެން ހިންގާކަން އެމްކިއުއޭއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތަށް އެހެން ގައުމުތަކާ ގުޅިގެން އެ ޕްރޮގްރާމްތައް ހިންގުމަށް ހުއްދަދީފައި ނުވާކަން އެމްކިއުއޭއަށް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ. އެހެންކަމުން ހުއްދަ ދީފައިވާ މިންގަނޑާއި ހިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމް ތަކުގެ ސެޓިފިކެޓް އެމްކިއުއޭއިން މީގެފަހުން ގަބޫލުނުކުރާނެ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
ދަރިވަރުން ކިޔަވަން ދިއުމުގެ ކުރިން އެމްކިއުއޭއިން ދޫކުރަމުން އަންނަ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއްކަން އެމްކިއުއޭއިން ވަނީ ފާހަގަކޮށްފައެވެ.