ވ. ފުލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށެވެ.
އެމްޓީސީސީން ބުނީ 521 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްކަމަށާއި، މި ރަށުގެ ބަނދަރު ކުޑަ ވުމުން މުދާ އަރުވައި ބޭލުމަށާއި އަރާ ފޭބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާކަމަށެވެ. އެއާއެކު އެމްޓީސީސީން ބުނީ މި ރަށުގައި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމާއެކު ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އެއާއެކު ރަށަށް ލަފާފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 79,933 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއ،ި 300 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 439 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި 174 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 25 މީޓަރުގެ ގްރޮއިންޖެހުމާއެކު 77 މީޓަރުގެ ބޭރުތޮށިލުމާއ،ި 1,450 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި 40 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މިއީ 463.46 މިލިއަން ރުފިޔާއަށް 465 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.