4 އަތޮޅެއްގެ 31 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ 8 ދުވަހުގެ ދަތުރުފުޅުކަށް ރައީސް ފުރާވަޑައިގެންފައިވަނީ ވ. މ. ފ. އަދި ތ. އަތޮޅަށް ކަމަށެވެ. ރައީސްއޮފީހުން ބުނީ މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތްކުރައްވާނެ ކަމަށާއި، މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސްއޮފީހުން ބުނީ ރައީސް ކުރައްވާ މި ދަތުރުފުޅުތަކުގައި އެކި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވުމާއި، ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދިނުންވެސް ހިމެނޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ މަހު ރައީސް މުއިއްޒު ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށްވެސް ވަޑައިގެންފިއެވެ. ބ.އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންފައިވާއިރު އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.