އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕައެވެ.

ފުލުހުން ބުނީ ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މި ފިރިހެން މީހާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ހާމަކޮށް ފުލުހުން ބުނީ ހައްޔަރުކުރި މީހަކީ އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް މައްސަލަ ފޮނުވާފައިވާ މީހެއްކަމަށެވެ.

އެހެންނަމަވެސް އެ މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.