ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކޮށްފައިވާ އެކި މައްސަލަ ތަކުގައި 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި އެންޓި-ސްކޭމް ސެންޓަރު ގާއިމް ކުރީ 2025 މާޗު 17 ގައެވެ.
ފުލުހުން ބުނީ ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާ އެ ސެންޓަރުން، އާންމު ރައްޔިތުން ސްކޭމުން ރައްކާތެރިކުރުމަށާއި، ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދި މިހާރުވެސް މެދުކެނޑުމެއް ނެތި އެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
އެގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓު ވަނީ ކޮށްފައެވެ. ރިޕޯޓުކޮށްފައިވާ މައްސަލަތަކަކީ:
- އީ-ކޮމާސް 491 މައްސަލަ
- ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ
- އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕާސަނޭޝަން) 130 މައްސަލަ
- އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ
މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.
ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، "މަނީ މިއުލްސް"ގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނެއެވެ.
އެ މުއްދަތުގެ ތެރޭގައި ފަސް ތަނެއް ބަލައިފާސްކޮށް، ހަ މީހަކު ހައްޔަރުކޮށް، ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. އަދި ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށް، 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މުއްދަތުގެ ތެރޭގައި ތެރޭގައި މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭ ގޮތަށް ރަށްރަށަށް ޒިޔާރަތްކޮށް، ސްކޫލުތަކުގެ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް ހޭލުންތެރިކަމުގެ މައުލޫމާތު ދީފައެވެ. އަދި ހަމަ އެހެންމެ ސޯޝަލް މީޑިއާ، ޓީވީ، އަދި ރޭޑިޔޯ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެވިފައިވާއިރު، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %40 މީހުންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި "ސްކޭމް އައްޑަނަ"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ގެންދިއުމަށް ވަނީ ލޯންޗުކޮށްފައެވެ.
ސްކޭމަރުންގެ ސަބަބުން ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއަށް މާލީގޮތުން ލިބެމުންދާ ގެއްލުންތައް ނައްތާލައި ރައްކާތެރިކަން ދެމެހެއްޓުމަށާއި އެންމެހައި ރައްޔިތުންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް އުފެއްދުމަށް ހުރިހާ ވަގުތެއްގައި ވެސް އެންޓި-ސްކޭމް ސެންޓަރުން މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.