މީޑިއާ ރެގިއުލޭޝަން ބިލު ބޭރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކުރަން ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ބިލު ފާސްކުރި ގޮތަށް، ކައުންސެލާ ޖެނެރަލް އާމިނަތު ފިލްޒާގެ ލަފާތަކާ އެކު ކޮމިޓީން މިއަދު ބިލުގެ ރިޕޯޓު ފާސްކޮށްފައެވެ. ފިލްޒާ ލަފާދެއްވާފައިވަނީ ބިލުގައި ގާނޫނު އަސާސީ އާ ތައާރަޒުވާ އެއްވެސް ކަމެއް ނެތް ކަމަށާއި އަދި ގާނޫން އަސާސީން ލިބިދީފައިވާ އެއްވެސް ހައްގަކަށް އުނިކަން ނާންނަކަމަށެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވުމަށް އެޖެންޑާ ކުރި ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެ މެންބަރުން އަންނަނީ ގޮނޑިކޮޅުން ތެދުވެ، މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން ވަނީ އިއްވާފައެވެ. އެކަމަކު، ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވައި ވަޑައިނުގަތުމުން އެ މެންބަރުން ވަނީ މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ތަޅުމުން ނެރެފައެވެ.

އިހުތިޖާޖު ކުރި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ޖަލްސާ ކުރިއަށް ގެންދަން ފައްޓަވާފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވު މި ބިލަށް އިއްޔެ ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމާއެކު ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. ނަމަވެސް ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ބޭރުކުރުމަށް ގޮވާލާ އަޑުގަދަކޮށް އިހުތިޖާޖު ކުރުމުން މި ކޮމިޓީ އިއްޔެ މެދުކަނޑާލާފައިވެސް ވެއެވެ.

މީގެއިތުރުން މިއަދު ވަނީ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަންވެސް ބޭރުކޮށްލާފައެވެެ. އެގޮތުން ޕެޓިޝަން ކޮމިޓީގައި ތިއްބެވި 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން މި ބިލު ބޭރުކުރުމަށް ތާއީދު ކުރައްވާފައި ވާއިރު 1 މެމްބަރަކު ވަނީ ބިލު ބޭރުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި 1 މެމްބަރަކު މި ވޯޓުގައި ބައިވެރިވަޑައިނުގަންނަވައެވެ.

މި ޕެޓިޝަން ބޭރުކުރުމަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާ ވަނީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. މި ހުށަހެޅުއްވުމަށް މަޑަވެލި ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝަމީޒު ވަނީ ތާއީދު ކުރައްވާފައެވެ.