އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ މެންބަރު ގައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމިއްޔާއިން މިއަދު ފާސްކޮށްފިއެވެ.

އައިއޭއީއޭ ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ. މިއީ އައިއޭއީއޭ ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެއެވެ.

އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

އެގޮތުން، އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑާ ޑރ. ސަލްމާ ރަޝީދު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވައި ތަގުރީރުކުރައްވާފައެވެ.

ސަލްމާގެ ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އައިއޭއީއޭގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުންވެސް އެމްބެސެޑާ ޑރ. ސަލްމާ ރަޝީދު ވަނީ އައިއޭއީއޭއާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.

ރާއްޖެއިން އައިއޭއީއޭގެ މެންބަރު ގައުމަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ދިވެހިރާއްޖެއިން އައިއޭއީއޭގެ މެންބަރަކަށްވުމުގެ މަގްސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެއެވެ.

އައިއޭއީއޭ އަކީ އަސްކަރީ މަގްސަދުތަކަށް ނިއުކްލިއާ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް1957 ވަނަ އަހަރު ގާއިމުކުރެވުނު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.