ރަޝިއާ އާއި ޔޫކްރައިން ކުރަމުން ދާ ހަނގުރާމައިގައި ރަޝިއާއިން ހިފާފައިވާ ޒެޕްރޯޒިއާގެ ނިއުކްލިއާ ޕްލާންޓާ ކައިރި 18 ސަރަހައްދެއް (ޓައުނެއް) ގައި ދިރިއުޅޭ އެންމެން އެތަންތަނުން ބޭރުކޮށްފިއެވެ.
"މޭޑް ޕެނިކް" ނުވަތަ ހިނގާފާނެ ހާދިސާއަކުން ރައްޔިތުން ރައްކާތެރި ކުރުމަށް ރަޝިއާއިން އެ ތައުންތައް ހުސްކުރީ ޔޫކްރައިންގެ ހަމަލާތައް ވަރުގަދަވެ ނިއުކްލިއާ ޕްލާންޓަށް ހަމަލާއެއް އަމާޒުވެއްޖެ ނުރައްކާތެރި ހާދިސާއެއް ހިނގާފަނެ ކަމުގެ ބިރަށެވެ.
ނިއުކްލިއާ ބެހޭ އދ ގެ އިދާރާ އައިއޭއީއޭ އިންވެސް ވަނީ ނިއުކްލިއާ އެކްސިޑެންޓެއް ހިނގާފާނެ ކަމުގެ އިން ޒާރު ދީ ޒެފްރޮޒިއާ ޕްލާންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ އިދާރާގެ ޑައިރެކްޓަރު ރަފައެލް ގްރޮސީ ވިދާޅުވީ، ރަޝިއާއިން އެ ޕްލާންޓް ސަރަހައްދުން މީހުން ހުސްކުރުމުން އެނގިގެން ދަނީ ޕްލާންޓް ވަށައިގެން ރަޝިއާ އާއި ޔޫކްރައިނުން ދެމުން ގެންދާ ހަމަލާ ތަކުގެ ނުރައްކާ އޮތް މިންވަރު ކަމަށެވެ. އަދި އެ ޕްލާންޓުން މިވަގުތު ކަރަންޓް ނުއުފެއްދިޔަސް އެ ޕްލާންޓަކީ ނިއުކްލިއާ ދަގުއިން ފުރިފައިވާ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގްރޮސީ އިރުތަށް ވިދާޅުވީ، މީގެ ދެތިން ހަފްތާ ކުރިން އެ ޕްލާންޓަށް ޒިޔާރަތް ކުރެއްވި ކަމަށާއި އޭރުވެސް ވަޑައިގަންނަވަން ޖެހިވަދައިގަތީ މައިން ފީލްޑް (ފައިން އެރިއްޖެ ނަމަ ގޮވާ ގޮތަށް ބިމުގައި ވަޅުލާފައި ހުންނަ ގޮވާއެއްޗެއް) އެއްގެ ތެރެއިން ކަމަށެވެ.
އަައިއޭއީގެ އިންޖިނޭރުންނާއި މަސައްކަތު މީހުން މިވަގުތުވެސް ސައިޓް ސަރަހައްދުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުން ދިމާވެދާނެ ހާދިސާއަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ސަރަހައްދަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަ ވެރިޔާ ޔެވްގެނީ ބެލެސްކީ ބުނެފައި ވަނީ، ޔޫކްރައިންގެ ފައުޖުތަކުން ކުރިއަރަމުން އަންނަ ކަމަށާއި، އެ ޕްލާންޓު ކައިރީ ހަނގުރާމަ ކުރާ ރަޝިއާގެ ފައުޖުތަކުގެ ފަހަތުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ޔޫކްރައިން އިން އުންޑަ ފޮނުވަމުން ދާ ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުން އެ ސަރަހައްދުގެ 18 ޓައުނުން އަދި މީހުން އެއްކޮށް ހުހެއް ނުވެއެވެ. މިހާރުވެސް އެ ސަރަހައްދުތައް ދޫކޮށް ދާ މީހުންގެ ކާރުތަކާއި ވެހިކަލްތަކުން މަގުތަށް ފުރިފައިވާ ކަމަށް ވެސް ބުނެއެވެ.
ޒެފްރޮޒިއާގެ ބޮޑުބައި އޮތީ ރަޝިއާގެ ކޮންތްރޯލްގައެވެ. ނަމަވެސް ވެރިކަން ކުރާ ރަށާ ހިސާބަށް ރަޝިއާއަށް ދެވިފައި ނުވާ އިރު ޔޫކްރައިންގެ ހަމަލާތައް ވަރުގަދަ ވުމުން މިހާރު ސުވާލު އުފެދެމުން ދަނީ ނިއުކްލިއާ ޕްލާންޓަށް ހަމަލާއެއް އަރާނީ ކޮން ވަގުތަކުކަމާމެދުގައެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެ ޕްލާންޓު ގޮވައިފިނަމަ ނިއުކްލިއާ ބޮޑު ކާރިސާއެއް ހިނގާނެއެވެ.