މި ވަގުތު ދުނިޔެއަށް ދިމާވެފައި ވާ އެންމެ ހައްސާސް އެއް މައްސަލައަކީ ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ ކަމަށާއި އެއީ މުޅި ދުނިޔެއެކޭ އެއްގޮތަށް އިންޑިއާއިން ކަންބޮޑުވާ މައްސަލައެއް ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވުމާއި ތެލާއި ކާބޯތަކެއްޗާއި ގަސްކާނާ ފަދަ އެތައް އެއްޗެއްގެ އަގު އުފުލިގެން ގޮސްފައި ވާ އިރު އެއީ ދުނިޔޭގެ އިގުތިސޯދަށް އޭގެ އަސަރު ސީދާ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަންކަމުގެ އިތުރުން ޔޫކްރައިންގެ ޒެޕޮރީޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް އެހާމެ މުހިންމު ކަމަކަށް ވެފައި ވާ ކަމަށް ވެސް ވިދާޅުވެއެވެ.
އެހެން ކަމުން، ރަޝިއާ އާއި ޔޫކްރައިންގެ ހަނގުރާމަ ހުއްޓެއް ޖެހޭ ކަމަށާއި އެމަގަށް ކަންކަން ގެންދެވެން އޮތީ ދެފަރާތުން ސުލްހައިގެ މޭޒަށް ގޮސްގެން ކަމަށް ވުމާއެކު އިންޑިއާގެ ސްޓޭންޑަކީވެސް އެމަގަކަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސުލްހައިން އެދެވޭ ނަތީޖާ ފެންނަކަން ހާމަ ކުރައްވާ އޭނާ ވިދާޅުވީ، ޔޫކްރައިންގައި އުފައްދާ ގޮދަނާއި އެނޫންވެސް ކާބޯތަކެތި އެކްސްޕޯޓު ކުރުމުގެ މަގު ފަހިވެގެން ދިޔުމާއި ޒެޕޮރީޒިއާގެ ނިއުކްލިއާ ޕަވާ ޕްލާންޓްގެ ރައްކާތެރިކަން ޔަގީން ކުރެވިފައި ވާ ކަމަށެވެ. އެކަމުގައި އދ އާއި ތުރުކީ އަދި އެހެނިގެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާއިން އެގައުމުގެ ދައުރު އަދާ ކޮށްފައި ވާނެ ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް ސުލްހައަށްޓަކައި އިންޑިއާގެ ދައުރު އަދާކުރަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރަޝިއާ އާއި ޔޫކްރައިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި އިސްކަން ދޭ ތަރުތީބަކުން ކަން ކަން ކުރަން ޖެހޭ ކަމަށާއި ނަތީޖާ ފެންނާނީ އޭރުން ކަމަށެވެ.
މިހާރު އޮސްޓްރޭލިއާ އަށް ކުރައްވާ ދަތުރުގައި ބޭއްވި ޕްރެސްގައި އޭނާ ވަނީ، ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިޔުމާއި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ އިތުރުން ދީނީ ހަރުކަރި ފިކުރުތަކުގެ ނުރައްކާވެސް ދުނިޔެއަށާއި އިންޑިއާއަށް ވެސް ބޮޑުކަމަށް ވިދާޅުވެފައެވެ. އެގޮތުން އިންޑިއާ ކަނޑަކީ، މަސްތުވާތަކެއްޗާއި ހަތިޔާރުގެ ވަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ކަނޑަކަށް ވާއިރު އެ ކަންކަމުގެ ތަޖުރިބާ އެންމެ ކައިރިން ކުރެވޭ އެއް ގައުމަކީ އިންޑިއާ ކަމަށާއި އެ ގޮންޖެހުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި އިންޑިއާގެ މުހިންމުކަން ބޮޑުކަމަށެވެ.
މާދަމާގެ ވަގުތެއްގައި ޖައިޝަންކަރު އައިއޭއީއޭގެ ޑިރެކްޓަރު ރަފެއަލް މަރިއާނޯ ގްރޮސީ އާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އައިއޭއީއޭ އާ އެކު އޭނާ ބާއްވަވާ ބައްދަލުވުންތަކުގެ ތަފްސީލެއް ނެތް ނަމަވެސް އޭނާ ވިދާޅުވީ، ޔޫކްރައިން-ރަޝިއާ ހަނގުރާމަ އަކީ މުޅި ދުނިޔެއާ ގުޅިފައި ވާ ހަނގުރާމައެއް ކަމަށް ވާއިރު ޖީ20 ގެ މިއަދުރުގެ ރައީސްގެ ހައިސިއްޔަތުން ސުލްހަ ގާއިމު ކުރުމަށް މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އިންޑިއާއަށް އެބައޮތް ކަމަށެވެ.