ލީބިއާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި ފައްކާ ކުރަން ފެށި ނިއުކްލިއާ ފެސިލިޓީގައި ރައްކާކޮށްފައި ހުރި ނިއުކްލިއާ ދަގުއި ނުވަތަ ޔޫރޭނިއަމް ވަގަށް ނަގާފައި ވާ ކަމަށް އދ ގެ ނިއުކްލިއާ އާ ބެހޭ އިދާރާ، އައިއޭއީއޭ އިން ބުނެފިއެވެ.
ގައްޒާފީގެ ވެރިކަމުގައި 2003 ވަނަ އަހަރު އެމެރިކާ އާއި އިނގިރޭސިވިލާތުގެ އެހީގައި ލީބިޔާގައި ޔޫރޭނިއަމް ފައްކާ ކުރިއެވެ. އަދި ބައިލޮޖިކަލް ހަތިޔާރާއި ނިއުކްލިއާ ބޮމެއް ޑިޒައިން ކުރުމުގެ މަރުހަލާއަށް ވެސް ދިޔައެވެ. ނަމަވެސް އެ ކަން ކާމިޔާބު ނުވެ އުޅެނިކޮށް އެމެރިކާއާއި ނޭޓޯ ބައިވެރިވެ 2011 ގައި ލީބިއާ އަށް ހަމަލާދީ ގައްޒާފީ އަވަހާރަ ކޮށްލިއެވެ.
އެ ހަމަނުޖެހުމަށް ފަހު ލީބިޔާގައި އުފެދިގެން ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައި މި ގެއްލުނު ޔޫރޭނިއަމް ހުރީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގައެވެ. މިހާރުވެސް ލީބިޔާގައި ދާހިލީ ހަނގުރާމަ ހިނގާ އިރު، ސަރުކާރާ ދެކޮޅު ލީޑަރު ހަލީފާ ހަފްތާރަކީ ހުލަނގުން މަދަދުދޭ މީހެކެވެ. ލިބިޔާގެ ބޮޑު ސަރަހައްދެ ކޮންޓްރޯލް މީނާއަށް އޮންނަ އިރު ވެރިރަށް ޓްރިޕޮލީގެ ހުޅަނގާއި އިރުމަތީގައިވެސް އޮތީ އޭނާގެ ބާރެވެ.
އދ ގެ އިދާރާއިން ބުނާގޮތުން ގެއްލުނު ތަކެއްޗަކީ ރޭޑިއޯއެކްޓިވް މާއްދާއެއް ކަމުން އެތަކެތި ގެއްލުވާލެވޭނީ ނުވަތަ ވަގަށް ނެގޭނީ ވަރަށް ރޭވުންތެރިކަމާ އެކުގައެވެ. އެހެން ކަމުން އެކަން ހިނގާފައި ވާ ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައި ވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ޔޫރޭނިއަމް ރައްކާކޮށްފައި ހުރި 10 ފީފާ ގެއްލުމުން އައިއޭއީއޭ ހާސްކަމެއްގެ ތެރެއަށް ގޮސްފައި ވާ އިރު އެތަކެތި އެހެން ގައުމެއް ނުވަތަ އެހެން ބާރުވެރި ފަރާތެއްގެ އަތް ދަށަށް ގޮސް ނިއުކްލިއާ ހަތިޔާރުގެ ބާޒާރެއް އުފެދިދާނެ ކަމުގެ ބިރު އޮތް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.