މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވޯޓަށް އެހުމާއެކު ނޫސްވެރިންނާއި ބައެއް މަޖިލިސް މެމްބަރުން އިހުތިޖާޖުކުރަން ފެށުމުން ކޮމިޓީ މެދު ކަނޑާލައިފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވު މި ބިލަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިގެން ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މި ކޮމިޓީގައި ބިލަށް އިސްލާހު ހުށަހަޅަން ކޮމިޓީގެ މެންބަރުންނަށް ދިން ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަަސީމް ބިލުގެ ގިނަ މާއްދާތަކެއް އުނިކުރުމަށް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުންތަކަށް ތާއީދުކުރައްވާނެ މެންބަރަކު ނުވުމުން ވޯޓަށް އަހާފައެއް ނުވެއެވެ.
އެއާއެކު ދެންކޮމިޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ރިޒާ ނިންމެވީ ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމަށެވެ. ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ. ނަމަވެސް ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުން ވަނީ ބިލު ބޭރުކުރުމަށް ގޮވާލާ އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.
އެއާއެކު ވޯޓުގެ ނަތީޖާ އިއުލާނުނުކޮށް ކޮމިޓީ ވަނީ ނިންމާލާފައެވެ. އެ ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މީޑިއާ ކޮމިޝަން ބިލާއި ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ޕެޓިޝަން ހުށަހަޅާފައިވަނިކޮށް އެ ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެފައެވެ.
ޕީއެންސީއަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ބިލު ފާސްވީކަމަށް ނިންމެވި ނަމަވެސް މީކާއީލް ވިދާޅުވީ އުސޫލާ އެއްގޮތަށް ބިލު ފާސްނުވާ ކަމަށާއި، އެގޮތުން ބިލު ފާސްކުރަން ނުފެންނަ ކަމަށް ނަގަން ޖެހޭ ވޯޓުވެސް ނުނަގާ ކަމަށެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާއިރު އެކަންވެސް ކޮށްފައިނުވާކަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މިއަދު ހަވީރު 4:45 އެހާކަންހާއިރު ކޮމިޓީ ނިންމާލި ނަމަވެސް 5:00 ގައި އަލުން ވަނީ އިތުރު ބައްދަލުވުމެއް ބާއްވާ ކުރިން ކޮމިޓީ ނިންމާލިއިރު ބިލަށް ވޯޓަށް އެހިފައި އޮތް ކަމަށް ނިންމާފައެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ހައްލު ލިބިފައިވާކަމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު ބިލުވެސް ވަނީ ފާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި މާދަމާވެސް ވަނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައެވެ. ނަމަވެސް އެޖެންޑާ އާންމުކޮށްފައި ނުވުމުން ސީދާ ކުރާ މަސައްކަތެއް ނޭނގުނު ނަމަވެސް ބޮޑަށް ލަފާކުރެވޭ ގޮތުގައި މީޑިއާ ބިލުގެ މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުން މި ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ނޫސްވެރިންގެ އެންމެ ބޮޑު ކަންބުޑުވުމަކަށްވާ ކަންކަމަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަަށާއި، ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17،19، އަދި 20 ވަނަ މާއްދާ އިސްލާހުކުރުމަށްވެސް ހުށަހަޅާފައިވާކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.