ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެ ޕްރޮގްރާމް ހިންގާފައި ވަނީ ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޒަންގެ އަންހެން މުވައްޒަފުންގެ ޓީމަކުންނެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި އެ ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ގްރޭޑް 6 އަދި 7 ގެ އަންހެން ދަރިވަރުންނަށް ހިންގި އެ ޕްރޮގްރާމްގައި އައިސީޓީ ދާއިރާއިން ކެރިއާ ބިނާ ކުރާނެ ގޮތާއި މެންޓާޝިޕް ސެޝަނެއް ވެސް ބާއްވާފައިވާކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓާ ސިސްޓަމެއް ވަނީ ހަދިޔާކޮށްފައެވެ.

އެއީ އިންޓަނޭޝަނަލް ގާލްސްއިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގާ ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި އެ ޕްރޮގްރާމް ބާއްވާފައި ވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.