2008 ގައި ވުޖޫދުވި ފެހި އަސާސީން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރު ކޮށްދީ، އެ އަސާސީގެ 27, 28 ވަނަ މާއްދާއަކީ އިން ވަކިކޮށްދީ މީޑިއާގެ ފަރާތްތަކަށް ދައްކައިދީފައި އޮތް ހަމައެވެ. ނަމަވެސް ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމަށް ވުމާއެކު, މީޑިއާގެ މިނިވަންކަމުގެ އިމަކީ, އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ނުވުމާއި, ގައުމީ ސަލާމަތަށް ނުރައްކާވިޔަ ނުދިނުމާއި, މީހުންގެ އަބުރާއި ކަރާމާތް ތައްކާތެރި ކުރުމާއި ރުޅިވެރިކަމާއި ނަފްރަތު އުފެދުނަ ނުދިނުމުގެ މައްޗަށް އޮތް މިނިވަން ކަމެކެވެ.
މީގެ ތެރެއިން އިސްލާމްދީނާ ހިލާފުނުވުން ފިޔަވައި ދެން ހުރި ހުރިހާ ހަމައަކީ ނޫސްވެރިކަމުގެ މިނިވަންކުގެ އިންތައް ބަޔާންކޮށްދީފައި ވާ ހުރިހާ ގައުމެއްގައި ވެސް އޮތް މިނަގްނޑުތަކެވެ.
އދ ގެ ޗާޓަރުތަކާއި އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އެނޫންވެސް ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަން ރާއްޖޭގައި ކަށަވަރު ކޮށްދިނުމުގެ އެންމެ މުހިންމު ބޭނުމަކީ، މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމާއި, ކަރާމާތް ހިފެހެއްޓުމާއި އިޖުތިމާއީ ހަމަޖެހުން ގާއިމު ކޮށްދިނުމެވެ.
ރާއްޖޭގައި މީސްކޮޅު މަދުކަމާއި ސިޔާސީ ހިޔާލުތަފާތުވުން ބޮޑު ކަމާއި, އެމީހަކު ނުވަތަ އެބަޔަކު ގަބޫލުކުރާ ފިކުރެއްގެ ފަހަތުގައި 'ކަނުވެގެން' ތިބުމަކީ, ރައްޔިތު މީހާއަށް ކަންކަން އެނގުމަށް އޮތް އެންމެ މަތީ މަސްލަހަތު ތެދުވެރިކަމާއެކު އަންގައި ދިނުމުގައި މީޑިއާގެ ފަރާތްތަކަށް އޮތް ޒިންމާ ބޮޑުވާ ސަބަބެކެވެ.
އެ ޒިންމާ އެގޮތުގައި އަދާކުރުމަށްޓަކައި ނޫސްވެރިކަން ކުރަން ނިކުންނަ މީހާ އަކީ އެ އަހުލާގުގެ މީހަކަށް ވާންޖެހޭނެއެވެ.
ރާއްޖޭގައި އެކަންކަން ތަރުތީބު ކުރަން 2010 ގައި އުފެދިގެން އައި ބްރޯޑްކާސްޓިން ކޮމިޝަނާއި އަދި މީޑިއާ ކައުންސިލަކީ މީޑިއާގެ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކު ބަޔާންކޮށްދީ އޭގެ ދާއިރާ ކަނޑައަޅާ ހިންގަމުން އަންނަ ދެ އިދާރާއެވެ. އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކުގެ އިމުގައި ތިބެގެން ނޫސްވެރިކަން ކުރަން ފަހިކޮށްދިން އަހުލާގީ މިންގަނޑުތައް ގިނަ މީޑިއާތަކުން ހިފެހެއްޓި ނަމަވެސް, އިމުން ބޭރުވާ މަދު އެކެއް ދެ މީޑިއާ މިއަދު އޮތުމަކީ އެ މިންގަނޑުތައް މިއަދު އަލުން މުރާޖައާ ކުރަން ޖެހިފައި ވާކުގެ ހެއްކެކެވެ.
އިންޓަނެޓު އާންމުވެ ސޯޝަލްމީޑިއާ ވަކި ހިއްޕާލުމާއި 'ކޮންމެ މީހަކީ މިއަދު ނޫސްވެރިއަކަށް' ވެފައި ވާއިރު, ޓްރެޑިޝަނަލް މީޑިއާ ނުވަތަ ޓީވީ, ރޭޑިއޯ އަދި ނެރެމުންދާ ނޫސް މަޖައްލާތަކަށް ހާއްސަވި އަހުލާގީ މިންގަނޑުގައި ސޯޝަލްމީޑިއާ މިއަދު ހިމަނަން ޖެހެއެވެ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސޯޝަލްމީޑިއާގެ ނުފޫޒު އެ މީޑިއާތަކުގެ މައްޗަށް މާ ގަދައެވެ. ސަބަބަކަށް ވަނީ, ކޮންމެ މީހެއްގެ އަތުގައި އޮންނަ ފޯނަށް އެ މީޑިއަމެއްގެ ޒަރީއާއިން ފޮނުވާލައި މެސެޖުތައް ފޯރާލެއް އަވަސް ވުމާއި އެ މެސެޖާއެކު ގޮތް ނިންމުމުގައި ވެސް ރައްޔިތުން އަވަސްވެ ގަތުމެވެ.
މިސާލަކަށް އެއްޗެއް ވިއްކަން މީހަކު ކުރާ އިޝްތިހާރަކާ ގުޅިގެން, އެ އެއްޗެއްގެ މޮޅު ދެރަ ބެލުމެއް ނެތި ގަނެލައެވެ. އެ އެއްޗެއްގެ ބޭނުން ކުރަން ފަށާފަހުން އޭގެ ކޮލިޓީއާ މެދު ހިތްހަމަ ނުޖެހި އެ ރުޅިވެރިކަން ސޯޝަލްމީޑިއާއަށް 'ބާލަ' އެވެ.
އެހެން މިސާލެކެވެ. ފޭސްބްކް، އެކްސްއާ ހިލާފަށް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ބަރަހަނާވާ ހިސާބަށް ގޮސް، ދަރިން ވިއްކަން އިޝްތިހާރު ކުރާ ހިސާބަށް ދެއެވެ. މިއީ ރާއްޖޭގައި ހިނގާފައި ހުރި ކަންކަމެވެ.
އެހެން މިސާލެކެވެ. ސިޔާސީ ފިކުރު ތަފާތުވުމުގެ ތެރެއިން, ތިމާ ނަފްރަތު ކުރާ މީހަކާ މެދު ރުޅިވެރިކަން އުފެއްދުމަށް ތެދެއް ކަމަށް ހީވާގޮތަށް ދޮގު ހަބަރު ފަތުރައެވެ. އެ ހަބަރު ނުވަތަ އެ ޕޯސްޓް ކިޔާ, ޝެއާކޮށް, ރިއެކްޓްކޮށް ހަދާ ފަހުން, އެއީ މުޅިން ދެތެއް ނޫންކަން އެނގޭއިރު އޮންނަނީ ވަގުތުފާއިތު ވެފައެވެ. ޝެއާކުރި އެ ޕޯސްޓުގެ ސަބަބުން, ކަރާމާތް ގެއްލުނު މީހާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ވެފައެވެ. ބައެއް ފަހަރު ނަފްސާނީ މައްސަލަތައް ކުރިމަތިވެއެވެ. އާއިލާތައް ރޫޅެއެވެ. ވަޒީފާ ގެއްލެއެވެ. މިތުރުން ހަތުރުންނަށް ބަދަލުވެއެވެ. ޖިސްމާނީ އަނިޔާ ދެއެވެ. ބްލެކްމެއިލް ކުރެއެވެ.
މިއީ ރާއްޖެއަށް އެކަނި ހާއްސަވާ ކަމެއްވެސް ނޫނެވެ. ސޯޝަލްމީޑިއާގެ މަންސަތަކުގެ ޒަރީއާއިން ފަތުރާ ދޮގު ހަބަރާއި ގަސްދުގައި އޮޅުވާލުމަށް ފަތުރާ މައުލޫމާތުގައި ޖެހި ގައުމުތަކުގެ ސަރުކާރުތައް ވެއްޓިފައި އެބަހުއްޓެވެ. ފަތުރާ ހަބަރުގެ ތެދު ދޮގު ނުބަލައި އެ 'މަޅީގައި ޖެހި' ރައްޔިތުން އުތުރި އަރައި ސަރުކާރުތައް ވައްޓާލި ކިތަންމެ ގައުމެއް, ކޭސް ސްޓަޑީގެ ގޮތުގައި ފޮތްފޮތާއި ބައިނަލްއަގުވާމީ ރިޕޯޓުތަކުގައި ލިޔެފައި އެބަހުއްޓުވެ.
ރާއްޖޭގައި މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އޮތުމުގެ އިތުރުން ކޭމް އުފެދިފައި އޮތީ ރައްޔިންނަށް ކަންކަން އެނގުމަށް އޮތް މަސްލަހަތު، ގާނޫނު އަސާސީގެ އިމުގެ ތެރޭގައި ފޯރުކޮށް ދިނުމަށެވެ. އެ ގާނޫނު ތަކުގެ ތެރެއިން މީޑިއާ ކައުންސިލްގެ ގާނޫނަށް ބަލާނަމަ, 'މީޑިއާ' މާނަ ކުރުމުގެ ތެރޭގައި މިހާރުވެސް 'އިންޓަނެޓު' ގެ ވާހަކަ އެބައޮތެވެ. އަދި ނޫސްވެރިން އަމަލު ކުރާނެ ކަމަށް އެއްބަސްވެފައި އޮންނަ 'އަހުލާގީ މިންގަނޑު' ގައިވެސް އެ އިންތަން ބަޔާންކޮށްދީފައި އެބައޮތެވެ. ބްރޯޑްކާސްޓިންގެ ގާނޫނާއި އަދި 'ސުލޫކީ މިންގަނޑު' ގައި ވެސް އޮތީ އެ އަސާސްތަކެވެ. އެހެން އޮތަސް ހަބަރާއި މައުލޫމާތު ފަތުރާ ފަރާތްތަކުން ލިބެން ހުރި ހުރިހާ ޕްލެޓްފޯމެއްގެ ޒަރީއާއިން ހުއްޓުމެއް ނެތި މިހާރުވެސް ހަބަރާއި މައުލޫމާތު ފަތުރައެވެ. އެއީ އޮތަސް 'ތަންފީޒު ނުވާ' މާނަ ކުރުމެކެވެ.
މިހާރު ބަހުސަކަށް ވެފައި އޮތް 'ކޮންޓްރޯލް ބިލު' ގައި ވެސް 'މީޑިއާ' މާނަ ކޮށްފައި އޮތީ މިހާރުވެސް އަމަލު ކުރާ ދެ ގާނޫނުގައި އެކަން ބަޔާންކޮށްފައި އޮތް ގޮތަށެވެ. ނަމަވެސް އާ ބިލުގައި ވެސް އަދި އަމަލު ކުރާ ދެ ގާނޫނުގައި ވެސް މަދީ, ސޯޝަލްމީޑިއާގެ މަންސަތަކާ ގުޅޭ އަހުލާގީ އުސޫލުތަކެވެ.
ރާއްޖެއަށް ދިމާވެފައި އޮތް މައްސަލައަކީ ވެސް އެއީއެވެ. ރަޖިސްޓާ ކޮށްގެން ހިންގާ މީޑިއާތަކަށް ވުރެ ރަޖިސްޓާ ނުކޮށް ހިންގާ ބްލޮގްތަކާއި ސޯޝަލްމީޑިއާގެ ބައެއް އެކައުންޓުތަކުން ފަތުރާ ދޮގު ހަބަރު ނުވަތަ ދޮގާއި ތެދު މައްސުނިކޮށް ފަތުރާ ހަބަރު މޮނިޓާކޮށް އެއަށް ދޭނެ ފަރުވާއެއް ބަޔާންކޮށްފައި ނެތުމެވެ.
ވަށާޖެހޭ ގޮތަށް މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް, އަސާސީން ކަނޑައަޅާ އިމުގެ ތެރޭގައި ތިބުމަށް އޮންލައިން ސޭފްޓީ ރެގިއުލޭޝަނެއް ގެނައުމުން އެކަމަށްَ ފަރުވާ ލިބޭނެއެވެ. ބްރޯޑްކާސްޓް، އޮންލައިން އަދި ޕްރިންޓް ކޮންޓްރޯލް ނުކުރާ ގޮތަށް ސޯޝަލްމީޑިއާވެސް ކޮންޓްރޯލް ނުކުރެވޭނެތީ، އެ ރެގިއުލޭޝަނުގައި ސޯޝަލްމީޑިއާގައި ފެތުރާ ދޮގު ހަބަރުތަކުގެ މުލާގާތުގައި ތެދު ފަތުރާނެ މިންގަނޑުތަކާއި ކޮންޓެންޓް މޮނިޓާ ކުރާނެ މިންގަނޑުތައް ކަނޑައަޅާ ހިންގިދާނެއެވެ. ފަރުވާ އަކީ އެއީއެވެ.
ދެން އޮތް މައްސަލަ އަކީ، ރާއްޖޭގައި އުފައްދާ ބައެއް ވީޑިއޯ ކޮންޓެންޓާއި އަދި ބޭރުގެ ވީޑިއޯ ކޮންޓެންޓް ކްލެސިފައި ކުރުމެއް ނެތި ނުވަތަ އުމުރުފުރާތައް ކަނޑައެޅުމެއް ނެތި، ގޭގެ ސިޓިންރޫމަށް ވެސް 'ރޮލަށް' ފެންނަން ދޫކޮށްފައި ހުރުމެވެ. ރާއްޖޭގައި ކްލެސިފިކޭޝަން ބިއުރޯއެއް އޮތަސް، ސްޓްރީމިން ޕްލެޓްފޯމްތަކުގެ ކޮންޓެންޓާއި ޑީކޯޑަރު ބަހައްޓައިގެން ގޭގެ ސިޓިންރޫމުން ބަލާ ވީޑިއޯ ކޮންޓެންޓް ކްލެސިފައި ނުކުރެވެއެވެ.
ތިންވަނަ މައްސަލަ އަކީ، ގޭގެ ތެރޭގައި ހުންނަ ޑީކޯޑަރާއި ރައުޓާ ތަކަކީ، 'އޭލިއަން' ތަކަކަށް ވުމެވެ. މިފަދަ ތަހުޒީބު ޒަމާނެއްގައި ސެކިއުރިޓީ ޗެކް ކުރެވި ކަމާބެހޭ އިދާރާއަކުން ސީލެއް ޖަހާފައި ނުވުމުން، އެއީ ކޮންފަދަ ޖާސޫސީ މަސައްކަތެއް އޭގައި ހިމަނާފައި ހުންނަ އާލާތްތަކެއް ކަމެއް ނޭނގޭ މައްސަލައެވެ.
ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ނުވެގެން އުޅެނީ ތަންފީޒު ކުރާނެ ވަށާޖެހޭ މިންގަނޑުތައް ނެތިގެންނެވެ. ސޯޝަލްމީޑިއާ އާއި ރަޖިސްޓާ ކޮށްގެން ހިންގާ މީޑިއާތައް މައްސުނިކޮށް އެންމެނަށް 'މީޑިއާ' ކިޔައިގެން ގާނޫނު ހަދަނީ ރަޖިސްޓާ ކޮށްގެން ހިންގާ މީޑިއާތަކަށް އެކަނި ކަމަށް ވުމުން މައްސަލަ ހައްލެއް ނުވެއެވެ. މީޑިއާ މާނަ ކުރުމުގައި 2 ގާނޫނުގައި އެއްމާއްދާއެއް ހިމަނައި އޭގައި 'އިންޓަނެޓް' އޮތަސް އޮންލައިން، ޕްރިންޓް، ބްރޯޑްކާސް، ޑިޖިޓަލް މީޑިއާ އަކީ ތަފާތު ސިފަތައް ލިބިގެންވާ މީޑިއާތަކެވެ.
މިހާރުވެސް ޕޯސްޓް ކުރާ ގޮތަށް އަދި ހިޔާލުފާޅު ކުރާ ގޮތަށް މާދަމާވެސް ކުރެވޭނެއެވެ. ތި ހަދާ ގާނޫނަކުން އެކަމެއް ރެގިއުލޭޓެއް ނުވެއެވެ.