ފާއިތުވި އޮގަސްޓު މަހު ފަސް މިލިއަނެއްހައި ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި އޮގަސްޓް މަހު މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް ވަނީ ފުލުހުން އާންމުކޮށްފައެވެ.
އެގޮތުން 90 ސައިކަލާއި 19 ފޯނު ހޯދާފައިވާއިރު އެ ސައިކަލުތަކުގެ އަގު 4.2 މިލިއަން ރުފިޔާއަށް އަރައެވެ. އަދި 19 ފޯނުގެ އަގު 219،843 ރުފިޔާއަށް އަރައެވެ.
މީގެ އިތުރުން 4 އިލެކްޓްރޯނިކް ސާމާނުގެ އަގު 19،850 ރުފިޔާ އަދި 40 މައްސަލައަކާ ގުޅިގެން 329،530 ރުފިޔާ ހޯދިފައިވެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 80،848 ރުފިޔާގެ ތަކެތި ވަނީ ހޯދާދީފައެވެ. އަދި ހަމަ އެހެންމެ މާލޭގައި އެކަނި 5،581 މީހުން ހުއްޓުވައި ސުވާލުކުރެވުނު އިރު، އޭގެ ތެރެއިން 5،373 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، 900 ކޮމިއުނިޓީ އިންޓަރެކްޝަން ދީފައިވެ އެވެ. އަދި 102 މައްސަލައެއް ހައްލުކުރަން މަސައްކަތްކޮށްފައިވެ އެވެ.
މި މުއްދަތުގައި މާލޭގައި 127 ވެހިކަލް ޗެކްޕޮއިންޓް ގާއިމުކޮށް، 26،674 ތަނެއް ޗެކުކުރިއިރު 999 ގަޑިއިރާއި އެއް މިނެޓަށް ފުޓް ޕެޓްރޯލް ކުރިއެވެ. އަދި ވިލިމާލޭގައި ހަތް ވެހިކަލް ޗެކްޕޮއިންޓް ބެހެއްޓި އިރު، 8،760 ތަނެއް ޗެކުކޮށް، 556 ގަޑިއިރާއި 64 މިނެޓަށް ފުޓް ޕެޓްރޯލް ކުރެވުނެވެ.