އޮކްޓޯބަރު 15 އިން ފެށިގެން މޭވާއާއި ތަރުކާރީ އަގުހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަނީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯއާ ގުޅިގެން ކުރާ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ސައީދު ވިދާޅުވީ 23 ބާވަތުގެ ކާބޯތަކެތި އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ފޯރުކޮށްދޭން ފަށާނެ ކަމަށާއި އެއާއެކު މޭވާއާއި ތަރުކާރީގެ އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު ކުރެވުނު 23 ބާވަތުގެ ކާބޯތަކެތި ހެޔޮ އަގުގައި އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، އެގޮތުން ނިމި ދިޔަ ހަފްތާއިން ފެށިގެން އޮރެންޖު ރީޓެއިލް ކޮށް 35ރ އަށް ކިލޯއެއްގެ ރޭޓުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ބާޒާރަށް ނެރެފައިވާކަމަށެވެ.
ކުރިއަށް އޮތް ހަފްތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލު ވެސް ބާޒާރަށް ނެރެވިގެންދާނެކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ މި ކަންކަމަށް ތައްޔާރުވުމަށްޓަކައި މިހާރު ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ތަފާތު މޭވާގެ ބާވަތްތައް މި ދޭތެރެއިން އަގުބޮޑުވެގެން ގޮސްފައިވާއިރު ބާޒާރު މަތިން އެންމެ އާދައިގެ އޮރެންޖާއި އާފަލުގެ އަގު ވެސް އަތް ނުފޯރާ ފަށަށް އުފުލުނެވެ. މިކަމާ ގުޅިގެން ރައީސް މުއިއްޒުވެސް ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ.
މޭވާއާއި ތަރުކާރީގެ އަގު ރާއްޖޭގައޮ އަގުހެޔޮކުރަން މަސައްކަތްކުރަމުން ގެންދަވާކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ މާޗް މަހު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މީހަކު ވަނީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަަމަށެވެ.