މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައުމަށް އެޓާނީ ޖެނެރަލް އޮފީހަށް ފެންނަ އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅިގެން އޭޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިސްލާހުތައް މަޖިލީހުގެ އިދާރާއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށާއި، އެގޮތުން ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް ހުށަހަޅާފައިވާކަމަށެވެ.

މީގެއިތުރުންވެސް އޭޖީން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި އިސްލާމް ދީނާއި ހިލާފު ވާހަތަކާއި ފާހިޝް އަމަލުތަކަށް ހިތްވަރު ދޭ ވާހަތަކަށް ފެތުރުން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ހިމެނުމާއި، ބިލުގެ 18 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީއެއްގެ މަގާމުގައި ހުރުން މަނާކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމަނާ މި މާއްދާ އިސްލާހުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގައި ރައީސްގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17،19، އަދި 20 ވަނަ މާއްދާ އިސްލާހުކުރުމަށްވެސް އޭޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ. ދެން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި:

  • ތެދު މައުލޫމާތު ހިމެނުމުގެ އިތުރުން އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ހަބަރު ގެނައުން ހިމެނުން
  • އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ތެރެއަށް ނުހައްގުން ވަދެގެން ނުވާނެކަން އޮތް އޮތުން ބަދަލުކޮށް، މިނިވަން ކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުން
  • ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރުކުރުން
  • މީޑިއާގެ ކޮންޓެންޓުގެ ފެންވަރު ރަނގަޅުކުރުމަށް ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް އެޑިޓަރުންގެ ފުރިހަމަވޭތޯ ކަނޑައެޅުމަށް ހިމެނުން
  • ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައެޅުމަށް ހިމެނުން

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ބިލެއް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައިވަނީ 49 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލު ބޭރުކޮށްލުމަށް ވޯޓު ދީފައިވަނީ 12 މެމްބަރުންނެވެ. މި ބިލާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވުންފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައިވާއިރު، މި ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ނޫސްވެރިން ޕެޓިޝަނެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ.

މި ބިލާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.