މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ވެސް ސިއްރުކޮށްފިއެވެ.

މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފައި ވަނީ އެ ބިލަށް ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު ހާމަވެދާނެ ކަމަށް ބުނެއެވެ.

އެ ބިލު ދިރާސާ ކުރުމަށް ބޭއްވި މިއަދުގެ މިނިވަން މުއައްސަަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައި ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.

ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، އެ ބައްދަލުވުން ކަވަރުކުރަން ގޮސް ތިބި ނޫސްވެރިން ވަނީ ގަދަކަމުން ނެރެފައެވެ. އެ ކޮމިޓީ ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

އެ ބިލުގެ ކޮމިޓީ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހަށް ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ނިންމާފައެވެ.

ބިލު ދިރާސާކުރުމަށް ކޮމިޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި މީޑިއާތައް ކޮމިޓީއަށް ހާޒިރުކުރުމުން އެ ފަރާތްތަކުން ވަނީ މީޑިއާ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރުމަށް ގޮވާލާފައެވެ.

މީގެއިތުރުން ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ނޫސްވެރިން ޕެޓިޝަނެއް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ.