ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނެވިއިރު، އެ އެސޯސިއޭޝަނުގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފީފާއިން ފޮނުވި ފައިސާ، އެހެން ކުންފުނިތަކުގެ އެކައުންޓަށް ފޮނުވުމަށް ފަހު، އެ ކުންފުނިތައް މެދުވެރިކޮށް ޕެންޓްހައުސް ގަންނަން 25 މިލިއަން ރުފިޔާ އަމީން ކޮންސްޓްރަކްޝަނަށް ދެއްކި މައްސަލައެވެ. އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ މަނީ ލޯންޑަރިން ދައުވާ ބައްސާމްގެ މައްޗަށްކޮށްފައިވާއިރު އިއްޔެ ޝަރީއަތް ފެށިއިރު، ބައްސާމްގެ ވަކީލެއް ނެތެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބައްސާމް ވިދާޅުވި ނަމަވެސް، ގާޒީ ވަނީ މި މައްސަލައިގައި ދައުވާ ކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރު ފުރުސަތެއް ނުދީ އިބުތިދާއީ މަރުހަލާ ފަށަން ނިންމާފައެވެ. ދައުލަތުން ދައުވާ އިއްވުމުން ގާޒީ ވަނީ މި މައްސަލައިގައި އިތުރު ލިިޔެކިޔުންތަކެއް ލިބިފައިވާތީ އެ ލިޔުންތައް ދިރާސާކުރަން އިތުރު ވަގުތު ދިނުމަށް ނިންމާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ވަކީލެއް އައްޔަނު ކުރެވުނަސް އަދި ނުކުރެވުނަސް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ގާޒީވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ މި އަޑުއެހުން ތާވަލުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދޭތެރޭގެ ދުވަހެއްގައި ކަމަށެވެ. ބައްސާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނި މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު ނެގުމަށާއި ޕެންޓްހައުސް ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.