ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން ހަމަލާދީފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ހަމާސްގެ ލީޑަރުން ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބައްދަލުވުމެއް ބާއްވާފައިވަނީ އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް، މިދިޔަ ހަފްތާގައި ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
މިއަދު މެންދުރު ގަތަރުގެ ވެރިރަށް ދޯހާގައި އެތައް ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ދުން އަރާ މަންޒަރުތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މި ހަމަލާއާއި ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އެތައް މެންބަރުންނެއް ދިރިއުޅޭ އިމާރާތަށްކަމަށާއި، އެ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެންމެ މަތީ ފެންވަރެއްގައި ތަހުގީގުތައް މި ހަމަލާއާއި ގުޅިގެން ކުރިއަށްދާ ކަމަށްވެސް ގަތަރުގެ ފޮރިން މިނިސްޓްރީއާއި ހަވާލާދީ ބޭރުގެ ނިއުސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކަނޑުމަގުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އާއްމުންގެ ބޯޓުތަކުގެ ގާފިލާގައި ހިމެނޭ މައި ބޯޓަށް ޑްރޯންގެ ހަމަލާއެއް ރޭގެ ވަގުތެއްގައި ދީފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ ޑްރޯން ހަމަލާ ދީފައިވަނީ ބޯޓުގެ ކުރިއަށް ކަމަށާ ހަމަލާގެ ސަބަބުން ބޯޓުުގައި އަލިފާން ރޯވި ކަމަށެވެ. އަދި ބޯޓުގައި ތިބި ފަޅުވެރިން އަލިފާންގަނޑު ނިއްވާލި ކަމަށާ މި ބޯޓުގެ ތެޔޮ ޓޭންކު އިންނަނީ ބޯޓުުގެ ކުރީގައި ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.
އިސްރާއީލުން ގާޒާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެސަރަހައްދަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވެއްދުން މުޅިންހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.