ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދު ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، އެ ސަރަހައްދު ބަލައިފާސްކޮށްފައި ވަނީ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ.

އެގޮތުން އެ ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމަކު މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން މާލެއާއި ހުޅުމާލެ ޕެޓްރޯލްކޮށް އަދި އެ އިދާރާއަށް ލިބޭ އެކިއެކި އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ވެސް ފުލުހުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާ މަސްތުވާތަކެތު އަތުލައިގެންފައެވެ.