މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދިރާސާ ކުރުމަށް ބޭއްވި މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމުން ނޫސްވެރިން ރައްޔިތުންގެ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.
ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައި ވަނީ ބިލަށް ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު ހާމަވެދާނެ ކަމަށް ބުނެއެވެ.
އެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، އެ ކޮމިޓީ ބައްދަލުވުން ކަވަރު ކުރަން ގޮސްތިބި ނޫސްވެރިން ވަނީ ކޮމިޓީގެ ދަޅުމުން ނެރެފައެވެ. އެއާއެކު ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީސް ދޮށުގައި އިހުތިޖާޖު ކުރަން ފަށާފައެވެ.
ނޫސްވެރިން އަންނަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ނުގެންދިއުމަށް ގޮވާލަމުންނެވެ. އަދި ބިލު ބޭރުކުރަން ވެސް ނޫސްވެރިން ދަނީ ގޮވާލަމުންނެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ އެއް ޖަލްސާ ބާއްވާފައިވާއިރު، އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް މެންބަރުން ވަނީ ހާމަކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ގުޅިގެން ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. އެ ބިލާ މެދު ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލް އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އޮފީހަށް ނޫސްވެރިން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ.
މި ބިލާއި ގުޅިގެން ނޫސްވެރިން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު ބިލް ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް އެއިރެއްގައި އޮންނަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށެވެ. އަދި ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް ގިނަ މާއްދާތަކެއް ހިމަނަފާއިވެއެވެ.