މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 9.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯ އިން ބުނެފިއެވެ.
މިފްކޯ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 218 ދޯންޏަކުން މަސްކިރުވާފައިވާއިރު މިއީ އޭގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު 35.8 ޕަސެންޓުގެ ދަށްވުމެކެވެ. އެ ހަފްތާގައި މިފްކޯއަށް 340 ދޯންޏަކުން މަސްކިރުވާފައިވާއިރު މަސްވެރިންނަށް ދޫކޮށްފައިވަނީ 16,609,466 ރުފިޔާއެވެ.
އެހެންނަމަވެސް މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 9،390،235 ރުފިޔާދޫކޮށްފައިވާއިރު މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާއި އަޅާބަލާއިރު 43.4 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވާ، މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.